މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަވާލުވެފައިވާ ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ, އެއާޕޯޓުތައް ހަރުދަނާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއޭސީއެލްއިން ފާހަގަކޮށްފައިވާ ގޮތުގައި މިއީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އިސްކޮށް ހުންނަވައިގެން ފެއްޓެވި މަސައްކަތެކެވެ.

އެގޮތުން މި މަސައްކަތުގެ ދަށުން އެމްއޭސީއެލް އިން އަލަށް ހަވާލުވެފައިވާ 9 ޑޮމެސްޓިކް އެއާޕޯޓަށް ކުންފުނީގެ އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން ޒިޔާރަތްކޮށް, އެއާޕޯޓްތަކުގެ ހާލަތު ބަލައި ދެނެގަނެ, ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަކުރާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އެމްއޭސީއެލްއިން ބުނީ އެ ކުންފުނީގެ އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން މިދިޔަ ހަފުތާ ތެރޭގައި ފުވައްމުލައް އެއާޕޯޓަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު ބަލައި, އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ވެސް ބައްދަލުކޮށްފައިވާ ކަމަށެވެ.

ޑޮމެސްޓިކް އެއާޕޯޓުތައް ހިންގަމުން ދިޔަ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އަދި އެމްއޭސީއެލް އެއްކޮށްލުމަށް ސަރުކާރުން ނިންމި ނިންމުމާއެކު އާރުއޭސީއެލްއިން ހިންގަމުން ދިޔަ 9 އެއާޕޯޓެއްގެ އޮޕަރޭޝަންއާ އެމްއޭސީއެލް އިން ހަވާލުވެފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ.