ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ހުޅުމާލެ ހޮޓަލްގެ މަޝްރޫއު ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)އާ ހަވާލުކޮށްފިއެވެ.

އެސްޓީއޯ އިން ހޮޓާ ތަރައްގީކުރާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ބިމެއް ދިނުމަށް ނިންމާފައިވާކަން މި އަހަރު ބޭއްވި އެސްޓީއޯގެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ވަނީ އިއުލާނު ކޮށްފައެވެ.

އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތްކުރަމުން ދިޔަ ސިޓީ ހޮޓަލް 20 މިލިއަން ޔޫއެސް ޑޮލަރަށް އަގުކޮށް، ހުޅުމާލޭ ފޭސް 2 އިން ބިމަކަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށް އެ ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.

އެސްޓީއޯއިން ބުނީ އެ މުއާމަލާތާއި ގުޅިގެން ކުންފުނީގެ ހިސާބުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފްސީލު މި އަހަރުގެ އެސްޓީއޯގެ މާލީ ބަޔާންތަކުގައި ހިމެނޭނެ ކަމަށެވެ.

މި އިއުލާނުކޮށްފައި ވަނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޮންޓިނުއިން ޑިސްކްލޯޝާ އޮބްލިގޭޝަންސް އޮފް އިޝުއާޒްގެ (ސީޑީއޯއައި) ރެގިއުލޭޝަންގެ ދަށުންނެވެ.