ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓް ސަރަހައްދުގެ ދުވާރު ހެދުމުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެވެ.
އެޗްޑީސީއިން ބުނީ އެއީ 4000 ފްލެޓުގައި އަލަށް މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ ސަރަހައްދުގައި އަސާސީ ވަސީލަތްތައް ގާއިމްކުރުމަށް އެޗްޑީސީއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
އެގޮތުން ހުޅުމާލެ ފޭސް2 ގެ ނިރޮޅުމަގު، ޒޯން 1 ގެ 75 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ޒޯން 2 ގެ 58 ޕަސެންޓް މަސައްކަތް ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އަދި ޒޯން 1 އަދި 2 ގެ ދުވާރު ހެދުމުގެ މަސައްކަތް މި އަންނަ މަހުގެ މެދުތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށާއި ޒޯން 3 ގެ ދުވާރު ހެދުމުގެ މަސައްކަތް ފެށުމަށް އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.
ދުވާރު ހެދުމުގެ މަސައްކަތުގެ އިތުރުން، އެ ސަރަހައްދުގައި ޖުމްލަ 5 ބަސް ސްޓޮޕް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެޗްޑީސީއިން ބުނެއެވެ. އެގޮތުން އެ ސަރަހައްދުގެ ނިރޮޅުމަގުގެ ބަސް ސްޓޮޕްގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލާފައިވާއިރު، ދެވަނަ ބަސް ސްޓޮޕް އެ ސަރަހައްދުގެ ހިތިގަސް މަގުގައި ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ ބަސް ސްޓޮޕްގެ މަސައްކަތް ވެސް މި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށްއެޗްޑީސީއިން ވަނީ ބުނެފައެވެ.
އެޗްޑީސީއިން ބުނީ އެ 4000 ފްލެޓަށް މީހުން ބަދަލުވުމުގެ ކުރިން ބޭނުންވާ ހުރިހާ އަސާސީ ހިދުމަތްތަކެއް ގާއިމްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އެޗްޑީސީގެ އަމާޒަކީ ހުޅުމާލެއަކީ ހުރިހާ ރައްޔިތުންނަށްވެސް ހިތްފަސޭހަ ތަނަކަށް ހެދުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.