ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެންނެވި މެލޭޝިއާގެ ބޮޑުވަޒީރު، އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވައިފިއެވެ.
މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރަސްމީކޮށް މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ރަސްމިއްޔާތު ފެށިގެން ދިޔައީ ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ ގޮތަށް، ދަރުމަވަންތަ ސްކޫލުގެ ދަރިވަރުން ހުށަހަޅައިދިން ދިވެހި ސަގާފީ ހުށަހެޅުމަކުންނެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ 21 ބަޑީގެ ސަލާމެއް އަރުވާފައެވެ. އަދި އެއަށްފަހު، އެމަނިކުފާނުގެ ޝަރަފުގައި އެރުވުނު ގާޑް އޮފް އޮނާ (ޝަރަފުގެ ގާޑު) ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ އިންސްޕެކްޓް ކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި، ދިވެހި ދައުލަތުގެ އިސް ޢިއްޒަތްތެރީން ވަނީ މެލޭޝިއާގެ ބޮޑުވަޒީރަށް ތައާރަފުވެވަޑައިގެން މަރުހަބާ ދަންނަވާފައެވެ. ހަމައެއާއެކު، ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި މެލޭޝިއާގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ތައާރަފުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތަށްފަހު، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެ ގައުމުގެ ލާބައާއި މަންފާއަށްޓަކައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ ވާހަކަފުޅުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
