ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ވިނަރެސް ފްލެޓް ނުވައެއްގެ 13 ވަނަ ފަންގިފިލާގެ ހަ ވަނަ އެޕާޓްމަންޓުގައި ކަމަށެވެ.

ހެނދުނު 7:41 ހާއިރު އެ އެޕާޓްމަންޓުން ދުން އަރާކަމުގެ މައުލޫމާތު ލިބުމުން ހުޅުމާލޭ ފަޔާ ސްޓޭޝަނުން އެ ތަނަށް ގޮސް، ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާއިރު އަލިފާން ރޯވީ ގޮދަޑީގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

އެ އިދާރާއިން ހިއްސާ ކުރި ފޮޓޯއިން ފެންނަ ފެނުމަށް ކޮޓަރީގެ ފާރު ކައިރި ބަހައްޓާފައި ހުރި ބަންކް ބެޑާއި ގޮދަޑީގައި ރޯވެ އެއްކޮށް ވަނީ އަނދާފައެވެ. އަދި ކުޑަދޮރުގައި ހުރި ދޮރުފޮތި ގަނޑުވެސް ވަނީ އަނދާ ހުލިވެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފް އިން ހިއްސާކޮށްފައި ނުވެއެވެ.