ހިޔާ އަދި ވިނަރެސް ފްލެޓްއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ލޯނުތަކަށް ލުއިގޮތްތަކެއް ހަމަޖައްސައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ބޭންކުގައި އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ޕޯސްޓެއްގައެވެ.
ބީއެމްއެލްއިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިން މަޝްރޫއުތަކަށް ދޫކޮށްފައިވާ ލޯނުތަކެއްކަން ރައީސްގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ. އަދި އެ ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބީއެމްއެލްއާއެކު މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ހިޔާ ފްލެޓް ތަކުގެ ފިނިޝިން ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 12 ޕަސެންޓުން 10 ޕާސެންޓަސް އަށް ކުޑަ ކުރުމަށް މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހައްދަވައި ދެއްވުމަށް ވެސް އެދިވަޑައިގެންފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 9 ޕަސެންޓްއިން 8 ޕަސެންޓްއަށް ކުޑަ ކުރުމަށް ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
ރައީސް ވިދާޅުވީ އެއީ ކުރެވިދާނެ ކަމެއް ކަމަށް ބީއެމްއެލްއިން މައުލޫމާތު ދީފައިވާތީ އޮންނަ އުސޫލުގެ ތެރެއިން އެ ކަންތައް ކޮށްދެއްދިނުމަށް މިހާރު އެދިވަޑައިގެންފައިވާނެ ކަމަށެވެ.
