އެއްމެދު އިމާރާތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ "އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ހިންގުމުގެ ގަވާއިދު"ގައި ބަޔަންކޮށްފައިވާ ގޮތުގެ މަތިން، ވިނަރެސް ޓަވަރުތަކުގެ އެއްމެދު އިމާތާތްތައް ހިންގައި ބެލެހެއްޓުމަށްޓަކައި މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ ވިނަރެސް ޓަވަރުތަކުގެ މެނޭޖްމެންޓް ކޯޕަރޭޝަން އެކުލަވާލާފައި ވަނީ އެ ޓަވަރުތައް 3 ސްޓްރާޓާއަކަށް ބަހާލައިގެންކަމަށާއި، ކޮންމެ ސްޓްރާޓާއަކަށް ވަކި މެނޭޖްމެންޓް ކޯޕަރޭޝަނެއް އުފައްދާފައިވާކަމަށެވެ. އެއީ:
- ސްޓްރާޓާ 1: ޓަވަރު 1 އިން 4 އަށް
- ސްޓްރާޓާ 2: ޓަވަރު 5 އިން 8 އަށް
- ސްޓްރާޓާ 3: ޓަވަރު 9 އިން 10 އަށް
އެޗްޑީސީން ބުނީ މިއީ އެއްމެދު އިމާރާތްތަކުގެ އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، ދިގުމުއްދަތަކަށް އިމާރާތްތައް ބެލެހެއްޓުން ފަސޭހަކުރުމަށްޓަކައި އެކުލަވާލެވިފައިވާ ކޯޕަރޭޝަންތަކެއްކަމަށެވެ. އަދި އިމާރާތްތައް ބެލެހެއްޓުމުގެ ޒިންމާތަކާއި މައްސޫލިއްޔަތުތައް އެ ކޯޕަރޭޝަންތަކާއި ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ވެސް ވަނީ ބުނެފައެވެ.
މި ކޯޕަރޭޝަންގެ އެންމެ ބޮޑު އެއް އަމާޒަކީ ރައީސް ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެފައިވާ ފަދައިން ސަރުކާރުގެ ދެންހުރި އެއްމެދު އިމާރާތްތަކުގެ މެނޭޖްމަންޓް ކޯޕަރޭޝަންތަކެއް އެކުލަވާލައި، ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށް މެނޭޖްމަންޓް ކައުންސިލުތައް އިންތިހާބު ކުރެވިގެން ދިއުންކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
