އިޒްރޭލުން އީރާނަށް ދެމުން ގެންދާ ވަރުގަދަ ހަމަލާގެ ރައްދުގައި އީރާނުން ހަމަލާ ދެމުން ދާއިރު، ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވައްދަން އިޒްރޭލުން މަސައްކަތް ކުރާކަމަށް ގަބޫލު ކުރެއްވޭ ކަމަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.

އީރާނުގެ ނޫސްތަކުން ބުނީ، ހަނގުރާމައިގެ މިހާލަތާ ގުޅިގެން އީރާނުގެ ރައީސް މުހައްމަދު ޕެޒެސްކިއާން އަށް ފޯނުއް ގުޅުއްވާ މުހައްމަދު ދެއްކެވި ވާހަކައިގައި އިޒްރޭލުގެ ރޭވުން ނާކާމިޔާބު ކޮށްލުމުގައި އީރާނުން ކާމިޔާބު ހޯދާނެކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވި ކަމަށެވެ.

އަދި މުޅި އިސްލާމީ އުންމަތް އޮތީ އީރާނާ އެކުގައި ކަމަށް މުހައްމަދު ވިދާޅުވި ކަމަށް ވެސް ރިޕޯޓު ކޮށްފައި ވެއެވެ.

މި ކޯލުގައި ޕެޒެސްކިއާން ވިދާޅުވީ، އޭނާ ވެރިކާމާ ހަވާލުވެވަޑައިގަތުމަށް ފަހު ސަރަހައްދުގައި ސުލްހަ މަސަލަސްކަން ގާއިމުކޮށް އެކުވެރިކަން ބަދަހި ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދެވި ކަމަށާއި، އެ މަސައްކަތުގައި ނަތީޖާ އަކާ ހަމައަށް ދެވުމާ ދާދި ގާތްވެފައި ވަނިކޮށް ނުވަތަ ކާމިޔާބީ އާ ހަމައަށް ދެވޭ ކޮންމެ ފަހަރަކު އެކަން ހާޖާނު ކޮށްލަނީ އިޒްރޭލުން ކަމަށެވެ.

މި ކޯލުގައި އީރާނާއި ސައުދީ ގުޅިގެން ކުރިއަށް އޮތްތާނގައި ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޕެޒެސްކިއާން ވިދާޅުވެފައި ވެއެވެ.

އީރާނާއި ސައުދީ އަކީވެސް ލައްކަ ގިނަ ދުވަސްތަކެއް ވާންދެން ހަތުރުންގެ ގޮތުގައި އޮތް ދެގައުމެވެ. ސަރަހައްދުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި އެކިއެކި ޖަމާއަތްތަކަށް ދެގައުމުން އެހީތެރިކަން ފޯރުކޮށް ދެމުން ގެންދިޔުމާއި ސަރަހައްދުގެ ބާރުވެރިކަން ހޯދުމުގެ މައްސަލަތަކާ ހުރެ ހިޔާލު ތަފާތުވުންތައް އޮތް ނަމަވެސް ޗައިނާ މެދުވެރިއެއްގެ ދައުރު އަދާކޮށް ނިމިދިޔަ އަހަރުގެ ތެރޭގައި ކުރި މަސައްކަތުން ސައުދީ އާއި އީރާން ވަނީ ސުލްހަ ގާއިމު ކޮށްފައެވެ.

އަދި މިއަހަރު އީރާނުން ހައްޖަށް ދިޔަ މީހުން އެނބުރި ގައުމަށް ދިޔުމުގައި ހަނގުރާމައިގެ މިހާތަލާ ހުރެ ހުރަސްތައް ކުރިމަތިވެފައި ވާތީ، ހާލަތު ހަމައަކަށް އެޅެންދެން ސައުދީގައި ތިބެވޭނެ އިންތިޒާމު އެގައުމުގެ ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.

އީރާނާއި އިޒްރޭލާ ދެމެދު ހިނގާ ހަނގުރާމަ 3 ވަނަ ދުވަހަކަށް ދިގުލައިގެން ގޮސްފައި ވާ އިރު، އިޒްރޭލުން ވަނީ، ދުނިޔޭގެ އެންމެ ބޮޑު ގޭސް ކޮށާރަށް ހަމަލާދީ، ވިޔަފާރީގެ މުއާމަލާތްތަކަށް ބޭނުންކުރާ މުހިންމު ބަނދަރުތަކަށް ހަމަލާދީ، ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާ ދިނުމުގެ އިތުރުން އާންމުން ދިރިއުޅޭ ތަންތަނަށް ހަމަލާ ދީ ބޮޑެތި ގެއްލުންތައް ދީފައެވެ.

ރައްދުގައި އީރާނުން ދޭ ހަމަލާތަކުގައި އިޒްރޭލުގެ ޑިފެންސް މިނިސްޓްރީ އާއި ހައިފާގެ ބަނދަރާއި އެންމެ ބޮޑު އެއާޕޯޓަށް ގެއްލުންތައް ދީފައި ވާ އިރު، އިޒްރޭލާ އަޅާ ބަލާއިރު އިރާނުން ދެވޭ ހަމަލާގެ ގެއްލުން މާ ކުޑައެވެ. އިޒްރޭލުގައި ހަމާލާއިން ދިފާއުވާ ޒަމާނީ ނިޒާމުތައް ގާއިމުކޮށް ހަމަލާތައް ނާކާމިޔާބު ކުރަމުން ދާއިރު އިޒްރޭލަށް އެހީވުމުގެ ގޮތުން ޖެހިގެން އޮންނަ އުދުރުން އިން ދަނީ، އެގައުމުގެ މަތިން ދަތުރުކުރާ ހަމަލާތައް ނާކާމިޔާބު ކުރުމުގައި ބައިވެރިވަމުންނެވެ.

އިޒްރޭލުގެ ހަމަލާތަކުގައި އީރާނުން މަރުވި މީހުންގެ އަދަދު ވަނީ 80 އަށް އަރާފައެވެ. އިޒްރޭލުން އަދި މަރުވީ 4 މީހުންނެވެ. އީރާނުން ޒަހަމްވި މީހުންގެ އަދަދު 1000 އަށް އަރާފައި ވާއިރު، އިޒްރޭލުން ޒަހަމްވި މީހުންގެ އަދަދު ވަނީ 200 އަށް އަރާފައެވެ.