އިޒްރޭލަށް އެހީވާނަމަ މެދުއިރުމަތީގައި ގާއިމު ކޮށްފައި ވާ އެމެރިކާ، ޔޫކޭ އަދި ފްރާންސުގެ މަގާމުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

އިޒްރޭލުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީ 78 މީހަކު މަރާލައި 320 މީހަކު ޒަހަމްކޮށްލަފައި ވާއިރު، އެމެރިކާ އާ ހިލާފަށް ޔޫކޭ އާއި ފްރާންސުން އަދި އިޒްރޭލުގެ ދިފާއުގައި ކޮނޑާ ކޮނޑު ޖައްސައިގެން ތިބިކަމަކަށް ނުބުނެއެވެ. ނަމަވެސް އިޒްރޭލަށް އެހީވާނެ ކަމަށް އެ ދެގައުމުން ވެސް ވަނީ ބުނެފައެވެ.

އެމެރިކާ އަކީ އިޒްރޭލުގެ ސީފާ މަދަދުގާރު ކަމަށް ވާއިރު، އީރާނަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ވެސް އެމެރިކާގެ އެހީތެރިކަން ބޮޑެވެ. އެ ހަމަލާތަކުގައި ސީދާ ބައިވެރި ނުވާކަމަށް އެމެރިކާއިން ބުނި ނަމަވެސް ސެޓެލައިޓްގެ އެހީގައި އިޒްރޭލަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އަންދާ އަޅިއަށް ހަދާލާ ހަތިޔާރު ވަނީ ފޯރުކޮށްދީފައެވެ. އަދި އިޒްރޭލުން ދިން ހަމަލާތަކުގައި އީރާނުގެ އިސް ލީޑަރުންތަކެއް އަވަހާރަ ވުމުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ، އެއީ "އެކްސެލެންޓް" ނުވަތަ ވަރަށް ފުރިހަމަ ހަމަލާތަކެއް ކަމަށް ވިދާޅުވެފައެވެ.

އިޒްރޭލުން އީރާނުގެ 150 ތަނަކަށް ވަނީ ހަމަލާ ދީފައެވެ. ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާ އިރު ނިއުކްލިއާ ފެސިލިޓީ ތަކުގެ ތެރެއިން ދެތަނަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތެރޭގެ އުދުންތަކުގައި ބޭނުން ކުރާ އެއާޕޯޓަކާއި ބޯޓުތަކެއް ހަލާވުވުމުގެ އިތުރުން ބައެއް ވިޔަފާރި ބަނދަރުތައް ހަލާކު ކޮށްލާފައި ވެއެވެ. އަދި މީހުން ދިރިއުޅޭ އިމާރާތަކަށް ހަމަލާ އަމާޒުކޮށް އާންމުން މަރާފައި ވެއެވެ.

އީރާނުން އިޒްރޭލަށް ދިން ރައްދު ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާ ވައިގެ ތެރޭގައި ހުއްޓުވައި އިޒްރޭލުން ގޮއްވާލާފައި ވާ އިރު އިޒްރޭލަށް އަމާޒުވި ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ ވަނީ އިޒްރޭލުގެ ތެލްއަވީވްގައި ހުންނަ އިޒްރޭލުގެ ޕެންޓަގަން ނުވަތަ ޑިފެންސް މިނިސްޓްރީގެ އިމާރާތަށް އަމާޒުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އިޒްރޭލުގެ މީޑިއާތަކުން ބުނާގޮތުން އީރާނުގެ ހަމަލާތަކުގައި 4 މީހަކު ވަނީ މަރުވެފައެވެ. އަދި ސިފައިންގެ ތެރެއިން 7 މީހަކު ޒަހަމްވެފައި ވާ އިރު އާންމުންގެ ތެރެއިން 40 މީހަކު ޒަހަމްވިއެވެ.

އީރާނަކީ އިޒްރޭލުގެ ދެމިއޮތުމަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ބޮޑުވަޒީރު ބެންޖަމިން ނަތްނަޔާހޫ ހަމަލާތައް ފެށީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމު ހުއްޓުވަން އެމެރިކާއިން ބާރު އަޅާ މަޝްވަރާ ކުރުމަށް 5 ބައްދަލުވުމެއް ބޭއްވުމަށް ފަހު އެއްބަސްވުމަކާ ހަމައަށް ދެވިފައި ވާ ކަމަށް ބުނުމަށް ފަހުއެވެ. ނަމަވެސް އޭރުވެސް ޓްރަމްޕް ގެންދެވީ އެ މަޝްވަރާތަކުގައި އެމެރިކާއިން ހުށަހަޅާ ގޮތަށް އީރާނުން އެއްބަސް ނުވާނަމަ ހަމަލާ ދެއްވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވަމުންނެވެ.

ހަމަލާތައް ދެވަނަ ދުވަހަކަށް ދެމިގެން ގޮސްފައި ވާ އިރު މިއަދު އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ވަނީ އީރާނަށް އިންޒާރެއް ދީފައެވެ. ބުނެފައި ވަނީ، އީރާނުން މިސައިލް ފޮނުވުން ނުހުއްޓުވައިފިނަމަ އީރާނުގެ ވެރިރަށް ތެހެރާން އަންދާ އަޅިއަށް ހަދާނެ ކަމަށް ބުނެފައެވެ.