އިޒްރޭލުން އީރާނުގެ އިސް ލީޑަރުންތަކެއް އަވަހާރަ ކޮށްލައި ނިއުލްކިއާ ސައިޓް ތަކަށް ދިން ހަމަލާ ދިފާއު ކުރައްވައި އެމެރިކާގެ ރައީސް ޑޮނާންލްޑް ޓްރަމްޕް ވާހަކަ ދައްކަވައިފިއެވެ.

ޓްރަމްޕް ވިދާޅުވީ, އީރާނަށް އޮތީ އެމެރިކާ އިން ހުށަހެޅި ގޮތަށް ނިއުކްލިއާ މައްސަލައިގައި އެއްބަސްވުން ކަމަށާއި ނޫނީ މާ ވަރުގަދަ ހަމަލާތަކާ އީރާން ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

މިއަދި އެމެރިކާގެ މީޑިއާތަކާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ, އިޒްރޭލުން ހަމަލާ ދޭ ކަން އެނގިވަޑައިގަންނަވާ ކަމަށާއި 'އެއީ ވަރަށް ކާމިޔާބު ހަމަލާތަކެއް' ކަމަށެވެ.

އިތުރަށް ވިދާޅުވީ, އީރާނަށް ފުރުސަތު ދެއްވި ކަމަށާއި ނަމަވެސް އެގޮތް އީރާނުން ބޭނުން ނުވި ކަމަށެވެ. އޭނާ އެ ވިދާޅުވާ ފުރުސަތަކީ އީރާނުން ކުރިއަށް ގެންދާ ސުލްހަވެރި ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލަން އެއްބަސް ވުމުގެ ފުރުސަތެވެ. އެކަން ކުރުމަށްޓަކައި އެމެރިކާ އިން ވަނީ 5 ފަހަރެއްގެ މަތިން އީރާނުގެ އޮފިޝަލުންނާއެކު ރަސްމީ ވާހަކަތައްވެސް ބާއްވާފައެވެ. އެވާހަކަތައް ކުރިއަށް ދިޔަ އިރުވެސް ޓްރަމްޕް ގެންދެވީ, ވާހަކަތައް ފެއިލްވެއްޖެ ނަމަ, އީރާނަށް ހަމަލާ ދެއްވާނެ ކަމަށާއި އީރާނަށް ނިއުކްލިއާ ގާބިލުކަން ލިބުނަ ނުދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ރޭ އިޒްރޭލުން އީރާނަށް ހަމަލާ ދިނުމާއެކު މިއަދު ހެނދުނު ވައިޓްހައުސް އިން ފުރަތަމަ ބުނީ, އިޒްރޭލުން އީރާނަށް ހަމަލާ ދިނުމުގައި އެމެރިކާގެ ބައިވެރިވުމެއް ނެތް ކަމަށެވެ. ނަމަވެސް ފަހުން ވާހަކަ ބަދަލުކޮށް އެކަމަކީ އެމެރިކާގެ ސީދާ ބައިވެރިވުމާއެކު ކުރި ކަމެއްކަމަށް ނުސީދާގޮތުން މިހާރު ދަނީ އެއްބަސް ވަމުންނެވެ.

"ފިސާރި ވަރުގަދަ އަށް އެއޮތީ ޖަހާފަ, ވަރަށް ބާރަށް, އަދި ކުރިއަށް އޮތީ, މާބާރުވާނެ"

ޓްރަމްޕް މިގޮތަށް ވާހަކަ ދެއްކެވި އިރު އޭނާގެ އެކުވެރިޔާ ބިބީ ނުވަތަ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ, އީރާނުގެ ވައިގެ ސަރަހައްދު އޮތީ އެއްވެސް ހުރަހެއް ނެތި ހާމަ އަށް ކަމަށާއި, އީރާނަށް އޮތީ ދެގޮތް ކަމަށެވެ. އެއްގޮތަކީ އީރާނުގެ ހުރިހާ ނިއުކްލިއާ ފެސިލިޓީތަކަކަށް ހަމަލާދީ ހަލާކު ކޮށްލަން ދީގެން ބަލަން ތިބުމެވެ. ދެވަނަ ގޮތަކީ އީރާނުގެ މުޅި އިގްތިސޯދާ ގުޅިފައި ހުރި ތަންތަން ފުނޑުފުނޑު ކޮށްލައި އީރާންގެ ދުވަސް ދުއްވާލުން ކަމަށެވެ.

އިޒްރޭލުގެ ވަރުގަދަ ހަމަލާތަކުގައި އީރާނުގެ އެންމެ މަތީ ޖެނެރަލުންނާއި 6 ސައިންޓިސްޓުން ވަނީ އަވަހާރަ ވެފައެވެ. އެއާއެކު އީރާނުން, އެ މަގާމުތަކަށް އާ ބޭފުޅުން އައްޔަންކޮށް ބުނެފައި ވަނީ, އިޒްރޭލަށް ދެން ނުނިދޭނެ ކަމަށާއި, އިޒްރޭލުގެ ހަމަލާތަކުގެ ބަދަލު ވަރުގަދަ އަށް ދޭނެ ކަމަށެވެ.

އަސްކަރީ ގޮތުން ބަލާއިރު, އީރާނުގައި އިޒްރޭލަށް ވުރެ ސިފައިންގެ އަދަދުވެސް އަދި ހަތިޔާރުވެސް ގިނައެވެ. ނަމަވެސް އީރާނަކީ ހުޅަނގާއި އެމެރިކާގެ ފިއްތުންތަކުގެ ތެރޭގައި މި ޒަމާނުގެ އަސްކަރީ ބާރުވެރިކަން އިޒްރޭލާ އެއްވަރަށް ލިބިފައި ވާ ގައުމެއް ނޫނެވެ. މިއަދު އިޒްރޭލުން ހަނގުރާމަ ކުރަނީ އެމެރިކާގެ ސެޓެލައިޓް ތަކުގެ އެހީގައި ސީދާ މީހާ ހޯދާ, އަދި ސީދާ އަމާޒު ހޯދާ އެތަންތަނަށް ހަމަލާ ދެމުންނެވެ. އީރާނުގެ އަތުގައި އެފަދަ ސެޓެލައިޓެއް ނެތެވެ. އިޒްރޭލަށް ގައިޑަޑް ނުވަތަ އަމާޒަށް ވާސިލުވާ ހަތިޔާރުން ހަމަލާ ދޭނަމަ އީރާނާ ރަހުމަތްތެރި ބޮޑު ގައުމެއްގެ އެހީތެރިކަން ހޯދަން ޖެހެއެވެ. އެއީ ޗައިނާ ނުވަތަ ރަޝިއާ އެވެ.

އިޒްރޭލުގެ ހަމަލާތަކާ އެކު ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގުތައް 7 ޕަސެންޓަށް މިހާރު އުފުލިފައި ވާ އިރު, އިޒްރޭލުން ބުނަނީ ހަމަލާތައް އަދިވެސް އޮތީ ކުރިއަށް ކަމަށާއި އީރާނުގެ ބާރު އެއްކޮށް ނައްތާލެވެން ދެން ހަމަލާ ދޭނެ ކަމަށެވެ. އަދި ފުރިހަމަ ހަނގުރާމަ އަކަށް ތައްޔާރު ވެ, ވަރުގަދަ ކޮށް އޮތް ކަމަށް ވެސް ބުނެފައި ވެއެވެ.