ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ 2022 ވަނަ އަހަރުގެ މާލީ ހިސާބުތަކުގައި ބޮޑެތި މައްސަލަތަކެއް ހުރުމުގެ ސަބަބުން، އެ ކުންފުނީގެ މާލީ ބަޔާނަކީ ސައްހަ މައުލޫމާތު ހިމެނޭ ބަޔާނެއްކަން ކަށަވަރުކުރުމަށް އެކަށީގެންވާ ހެކި ލިބިފައިނުވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފިއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރު ނިމުނުއިރު ވެމްކޯގެ ރެވެނިއު، ލިބެންޖެހޭ ފައިސާ، ޕްރޮޕަޓީ، ޕްލާންޓް އެންޑް އިކުއިޕްމަންޓް (ޕީޕީއީ) އަދި ދައްކަންޖެހޭ ފައިސާގެ ހިސާބުތަކުގައި ބޮޑެތި ގޯސްތަކެއް ވަނީ ފާހަގަވެފައެވެ. އެގޮތުން 189.4 މިލިއަން ރުފިޔާގެ ޕީޕީއީއާއި 54.5 މިލިއަން ރުފިޔާގެ ކެޕިޓަލް ވޯކް އިން ޕްރޮގްރެސް ހުރި ކަމަށް ދައްކާއިރު، އެ އެސެޓްތަކުގެ އެއްވެސް އިމްޕެއާމަންޓް އެސެސްމަންޓެއް އަދި ފިޒިކަލް ވެރިފިކޭޝަނެއް ހަދާފައެއް ނުވެއެވެ.

މީގެ އިތުރުން، ކުނި އުކާލުމުގެ ހިދުމަތުން އާމްދަނީގެ ގޮތުގައި 76.1 މިލިއަން ރުފިޔާ ލިބުނު ކަމަށް ހިސާބުތަކުގައި ހިމަނާފައިވީ ނަމަވެސް، އެ އަދަދު ކުންފުނީގެ ބިލިންގް ސިސްޓަމާ އަޅާކިޔައި ކަށަވަރުކުރެވިފައެއް ނުވެއެވެ. އަދި ކޮސްޓް އޮފް ސޭލްސްގެ ގޮތުގައި ހިމަނާފައިވާ 32.5 މިލިއަން ރުފިޔާގެ ތެލުގެ ހަރަދާ ގުޅޭގޮތުން، ތެޔޮ ގަތުމާއި ބޭނުންކުރުމުގެ އިންވެންޓްރީ މޫވްމަންޓް ރެކޯޑުތައް ބަލަހައްޓާފައި ނުވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު، ކުންފުންޏަށް އެކި ފަރާތްތަކުން ލިބެންޖެހޭ 128.7 މިލިއަން ރުފިޔާގެ ޓްރޭޑް ރިސީވަބަލްސްގެ ތެރެއިން ބޮޑު އަދަދެއް ތިންވަނަ ފަރާތްތަކުން ކަށަވަރުކުރެވިފައެއް ނުވެއެވެ. މީގެ ތެރޭގައި ސަރުކާރު ކުންފުނިތަކާއި ކައުންސިލްތަކުން ލިބެންޖެހޭ ފައިސާ ހިމެނޭއިރު، މާލެ ސިޓީ ކައުންސިލުން 19.5 މިލިއަން ރުފިޔާ އަދި އެންވަޔަރަންމަންޓް މިނިސްޓްރީން 7.6 މިލިއަން ރުފިޔާ ވެމްކޯއަށް ދައްކަންޖެހިފައިވެއެވެ. އަނެއްކޮޅުން، 103.9 މިލިއަން ރުފިޔާގެ ޓްރޭޑް ޕޭއަބަލްސްއާއި 1.3 މިލިއަން ރުފިޔާގެ ސަސްޕެންސް އެކައުންޓް ބެލެންސެއް ހިސާބުތަކުގައި އޮތް ނަމަވެސް އެކަށީގެންވާ ލިޔެކިޔުމާއި ހެކި ހުށަހެޅިފައެއް ނުވެއެވެ.

މާލީ ހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރު ވެމްކޯއަށް ޖުމްލަ 215.4 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ނަމަވެސް، ޓެކުހަށް ކެނޑުމަށްފަހު އެ އަހަރު ނިމުނުއިރު އެ ކުންފުންޏަށް ވަނީ 127.8 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ. މިއާއެކު، 2022 ގެ ނިޔަލަށް ކުންފުނީގެ ޖުމްލަ ގެއްލުން (އެކިއުމިއުލޭޓެޑް ލޮސް) ވަނީ 486.2 މިލިއަން ރުފިޔާއަށް އަރާފައެވެ.

އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިފަދަ ގިނަ މައްސަލަތަކެއް ހުރުމުގެ އިތުރުން ވޭތުވެދިޔަ 2021 ވަނަ އަހަރުގެ މާލީ ބަޔާނަށްވެސް ކުރީގެ އޮޑިޓަރުން ޑިސްކްލެއިމާ އެއް ނެރެފައިވާތީ، 2022 ވަނަ އަހަރުގެ މާލީ ހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އެކަށީގެންވާ ހެކި ލިބިފައެއް ނުވެއެވެ.