އިންސާނާގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީއަތުގެ މައިގަނޑު ފަސް މަގްސަދުގެ ތެރެއިން އެއް މަގްސަދު ކަމަށާއި، މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ ޖިސްމާނީ އަނިޔާއަށް ވުރެ ވެސް މާބޮޑު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"މުސްލިމުންގެ އަބުރާއި އިއްޒަތް" މި މައުޟޫއަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުތުބާގައި ބުނީ، އިސްލާމްދީނުގައި އަބުރު ރައްކާތެރިކުރުމަށް ބޮޑު އިސްކަމެއް ދީފައިވަނީ އެކަމުގެ ސަބަބުން މުޅި މުޖުތަމައުގެ އެއްބައިވަންތަކަން ގެއްލި، އިޖުތިމާއީ ފޭރާން ވީދިގެންދާތީ ކަމަށެވެ.
އަދި އަބުރު ކަތިލެވޭ މީހާއާ މެދު މުޖުތަމައު ދެކޭގޮތް ބަދަލުވެ، ބޭރުފުށުން އެއްވެސް ޒަހަމެއް ނުފެނުނު ކަމުގައި ވިޔަސް އެ މީހާގެ ނަފުސުގައި އަޅާ ވޭނަކީ ބަޔާންކުރަން ދަތި ބޮޑު އަނިޔާއެއް ކަމަށް ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.
ހަމަ އެހެންމެ ބަވަނަވެފައިވާ ދުނިޔޭގައި، ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މީހުންގެ އަބުރަށް އަރައިގަނެ ފަޟީހަތްކުރަމުން ދަނީ އެއްވެސް ފިކުރެއްނެތި ކަމަށް ވެއެވެ. ހާއްސަކޮށް ޒާތީވުމާއި ހަސަދަވެރިކަމުގެ ސަބަބުން، ތެދުދޮގު ބެލުމެއް ނެތި ސޯޝަލް މީޑިއާގައި މީހުންގެ އަބުރު ކަތިލަމުންދަނީ ޅަދަރިންގެ ކުރިމަތީގައި ކަމަށާއި، މާދަމާ ގައުމާ ހަވާލުވާން ތިބި ކުދިންނަށް މިފަދަ ނުރަނގަޅު ނަމޫނާތައް ދެއްކުމަކީ ނުރައްކާތެރި ކަމެއް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
އިސްލާމްދީނުގައި އިންސާނާގެ އަބުރު ރައްކާތެރިކުރުމަށްޓަކައި ގިނަ ކަންތައްތަކެއް ޝަރުއުކުރައްވާފައިވާކަން ފާހަގަކުރައްވައި ހުތުބާގައި އިތުރަށް ބުނީ، އިއްފަތްތެރި އަންހެނުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައި، އެކަމަށް ހަތަރު ހެކިން ނުދެއްކިއްޖެ ނަމަ 80 އެތިފަހަރުން ހައްދު ޖެހުމަށް އަންގަވާފައިވާ ކަމަށެވެ. އަދި އެފަދަ މީހުންނަކީ ފާސިގުންގެ ގޮތުގައި ބަލައި، ދުވަހަކުވެސް އެމީހުންގެ ހެކިބަސް ގަބޫލުނުކުރުމަށް ދީނުގައި އަމުރުކުރައްވާފައިވާކަމަށް ހުތުބާގައި ބުންޏެވެ.
މީގެއިތުރުން މީހުންނާ މެދު ގޯސްކޮށް ހީކުރުމާއި، ޖާސޫސްކުރުމާއި، ޣީބަ ބުނުމަކީ ހަރާމް ކުރައްވާފައިވާ ކަންކަން ކަމަށާއި، އަދި އެހެން މީހުންގެ އަބުރަށް ރައްކާތެރިވުމުގެ އިތުރުން ތިމާގެ އަމިއްލަ ނަފުސު ވެސް ޝައްކު އުފެދޭ ފަދަ ކަންކަމުން ދުރުހެލިކޮށް އަބުރު ރައްކާތެރިކުރުމަށް މިއަދުގެ ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
