ދުބާއީން ފުރައިގެން އިޒްރޭލަށް މިދިޔަ ބުދަ ދުވަހު ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކޮށް، ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު މައްސަލައިގެ ތަހުގީގަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ދޫކޮށްލުމާއެކު ރާއްޖެއަތުވެއްޖެއެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ވިދާޅުވީ އެ ދެ ޕައިލެޓުން ރާއްޖެ އައިސްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުލުހުން ގޮސް އެ މީހުންނާ ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައިވާކަމަށެވެ.
ނަމަވެސް އެ ދެ ޕައިލެޓުން ހައްޔަރުނުކުރާކަމަށާއި، ދެ ޕައިލެޓުންނާ މެދު ފިޔަވަޅެއް އަޅަން ނިންމައިފިނަމަ އެކަން ހާމަކުރާނެކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، ފްލައިދުބާއީ އެއާލައިންގައި 8 ދިވެހިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން 6 މީހުންނަކީ ޕައިލެޓުންނާއި ކޯ-ޕައިލެޓުން ކަމަށާއި، މި ހާދިސާގެ ތަހުގީގަށް ސުވާލުކޮށްފައިވަނީ އެ އެއާލައިންގައި މަސައްކަތްކުރާ ދެ ޕައިލެޓުންނާ ކަމަށް މުންދު ފާހަގަކުރެއްވިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، 170 އަށް ވުރެ ގިނަ ފަސިންޖަރުންނާއެކު ދުބާއީން ތެލް އަވީވަށް ދަތުރުކުރި އެ ފްލައިޓުގެ ކޮންޓްރޯލް އަތުލަން މަސައްކަތްކޮށްފައިވަނީ އެ ފްލައިޓުގެ ކޯ-ޕައިލެޓެވެ. ޔޫއޭއީގެ ޕްރޮސެކިއުޓާ ޖެނެރަލް ހާމަކުރެއްވި ގޮތުގައި، ކޯ-ޕައިލެޓް ވަނީ ކޮކްޕިޓްގައި އޮންނަ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ކޯރާޑިއަކުން (ކްރޭޝް އެކްސް) ފްލައިޓުގެ ކެޕްޓަނަށް ހަމަލާދީ، ޓެރަރިސްޓް އަމަލެއް ހިންގަން މަސައްކަތްކޮށްފައެވެ.
މި ހާދިސާ ހިނގި ވަގުތު ބޯޓު ވަނީ ކުއްލިއަކަށް 17،000 ފޫޓަށް (5،200 މީޓަރަށް) ތިރިއަށް ވެއްޓެން ފަށާފައެވެ. ނަމަވެސް ޒަހަމްވެފައި އޮތް ކެޕްޓަން ސުމިތު މަޗާރު ހިތްވަރުކޮށްފައި ކޮކްޕިޓްގެ ދޮރު ހުޅުވުމުން، ފަސިންޖަރުން އެތެރެއަށް ވަދެ ހަމަލާދިން ކޯ-ޕައިލެޓް ހިފަހައްޓައި ބޯޓު ކޮންޓްރޯލް ކުރިއެވެ. އަދި ބޯޓުގައި ތިބި ރިޒާވް ދެ ޕައިލެޓުންގެ އެހީތެރިކަމާއެކު ބޯޓު ވަނީ ސައޫދީ އަރަބިއްޔާއަށް ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ.
ޔޫއޭއީގެ އެޓާނީ ޖެނެރަލް ހަމަދު ސައިފް އަލް ޝަމްސީ ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މިކަމުގެ ފަހަތުގައިވާ މަގުސަދުތައް ހޯދުމަށް ތަހުގީގު ކުރިއަށްދާ ކަމަށެވެ.
