ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ދިވެހިރާއްޖެއަށް ދޫކޮށްފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ ފެސިލިޓީގެ މުއްދަތު އިތުރުކޮށްދީފިއެވެ.
އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެެއްގައި ބުނެފައިވަނީ މިއީ ދިވެހިރާއްޖޭގެ ސަރުކާރާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާއިން ދެމިއޮތުމުގެ ރަމްޒެއްކަމަށެވެ.
މިކަން ކޮށްދީފައިވަނީ ދިވެހި ސަރުކާރުން އެކަމަށް އެދުމުންނެވެ.
މި ކަރަންސީ ސްވޮޕް ފެސިލިޓީއަކީ 2024 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ދެމެދު ސޮއިކުރެވުނު "ސާކް ކަންޓްރީސް ކަރަންސީ ސްވޮޕް ފްރޭމްވޯކް" ގެ ދަށުން ދޫކުރެވުނު ފެސިލިޓީއެކެވެ.
މި އެއްބަސްވުމުގެ ދަށުން ފުރަތަމަ 30 ބިލިއަން ރުޕީސް ދޫކޮށްފައިވަނީ 23 އޭޕްރީލް 2026ގައެވެ.
މި ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން އިންޓްރެސްޓް ރޭޓްފަދަ ޝަރުތުތަކުން ބޮޑެތި ލުއިތަކެއް ދީފައިވާކަން އިންޑިއާ ހައިކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
ކަރަންސީ ސްވޮޕް 2012 ގައި ފެށުނީއްސުރެ އިންޑިއާގެ އާރްބީއައިއިން ވަނީ ޖުމުލަ 1.1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ސްވޮޕް އެހީ ރާއްޖެއަށް ފޯރުކޮށްދީފައެވެ.
ކަރަންސީ ސްވޮޕްގެ އިތުރުން އިންޑިއާއިން ވަނީ 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ދިގު މުއްދަތުގެ ދެ ޓްރެޝަރީ ބޮންޑުގަނެފައެވެ.
ރާއްޖެއިން ސަބްސްކްރައިބް ކުރި 150 މިލިއަން ޑޮލަރުގެ ތިން ޓީބިލު މިހާރު ދައްކާ ނިންމާފައިވާއިރު، އެ ބިލްތަކަށް އެރި އިންޓްރެސްޓްގެ ގޮތުގައި 42.8 މިލިއަން އެމެރިކާ ޑޮލަރު ދައްކައިދީފައިވަނީ އިންޑިއާ ސަރުކާރުންނެވެ.
މިފަދަ މާލީ އެހީތެރިކަމަކީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހިފެހެއްޓުމަށާއި، މާލީ ހަމަޖެހުން ދެމެހެެެއްޓުމަށް ލިބުނު ބޮޑު ބާރެއްކަމަށް ސަރުކާރުން ފާހަގަކުރެެއެވެ. ފާއިތުވި ސެޕްޓެމްބަރު މަހު ރާއްޖެއިން ވަނީ އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓީބިލެއްވެސް އަނބުރާ ދައްކާ ނިންމާފައެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނިގޮތުގައި އިންޑިއާގެ އަވައްޓެރިންނަށް އިސްކަންދިނުން ސިޔާސަތުގައި ރާއްޖެއަށް ހާއްސަ އިސްކަމެއް ދެވިފައިވެއެވެ.
އަދި އޮކްޓޫބަރު 2024 ގައި ދެގައުމުގެ ދެމެދު އެކުލަވާލެވުނު ކޮމްޕްރެހެންސިވް އެކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕްގެ ދަށުން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.
