ސްޕެއިންގައި ޕައިލެޓް ޓްރެއިނިން ހަދަމުންދާ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހައިދަރު މިހެން ވިދާޅުވެފައި ވަނީ ސްޕެއިންގައި ތިބި ދިވެހި ބައެއް ދަރިވަރުންނާއެކު މިއަދު ބޭއްވި އޮންލައިން ބައްދަލުވުމުގެ ތެރެއިންނެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި މަތީ ތައުލީމާ ތަމްރީނު ހޯދުމަށް ސަރުކާރުގެ ލޯނު އެހީގައި މި ވަގުތު ސްޕެއިންގައި ޕައިލެޓް ޓްރޭނިން ހަދަމުންދާ ގިނަ ދަރިވަރުންތަކެއް ބައިވެރިވެފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި އެ ދަރިވަރުންގެ ކަންބޮޑުވުންތައް މިނިސްޓަރު އަޑުއައްސަވާފައިވާ އިރު، އެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކުރާ ގިނަ ދަރިވަރުންތަކެއް ތިބި އިރު ސްޕެއިން އަކީ ގިނަ ދިވެހި ދަރިވަރުންތަކެއް ތިބި ގައުމެކެވެ. މި ގައުމުގައި ގިނައީ ވެސް ޕައިލެޓް ކޯސް ފުރިހަމަ ކުރަމުން އަންނަ ދަރިވަރުން ކަން ފާހަގަކޮށްލެވެއެެވެ.