ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ޝަރީއަތް ނިމެންދެން ބަންދު ނުކުރަން ހައި ކޯޓުން ނިންމި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އަނަސް މަރާލާފައި ވަނީ ޖުލައި 31، 2017 ގައެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އަނަސްގެ މަރުގެ ދައުވާ 7 މީހެއްގެ މައްޗަށްކޮށްފައެވެ.
ޕީޖީއިން ދައުވާކޮށްފައި ވަނީ މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރައްޒާގް، ސ. ފޭދޫ/ ވެސްޓަންވިލާ ހަސަން މަހްފޫޒް، ޅ. ކުރެންދޫ/ އަސަރުމާގެ އަހުމަދު ޒަޔާން، ތ. ކިނބިދޫ/ ގުލްފާމްގެ މުހައްމަދު ޝާޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ، ލ. ގަން/ނަންނާރިގެ ޖުނައިހު އަބްދުﷲގެ އިތުރުން މ. ދިމިޝްގު އުސްމާން ޝަރީފްއެވެ. މީގެ އިތުރުން ކުޑަކުއްޖަކުވެސް ހިމެނެއެވެ. މި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.
ނަމަވެސް މެއި 16، 2024 ގައި ދަށު ކޯޓުގެ ނިންމުން އިސްތިއުނާފްކޮށް، އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދައުލަތުން ވަނީ އެދިފައެވެ. ނަމަވެސް ދައުލަތުން އެދުނު ގޮތާ ހިލާފަށް އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން ހަތް މީހުން ބަންދު ނުކުރުމަށް ހައި ކޯޓުން ނިންމީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހުއެވެ. އެގޮތަށް ހައި ކޯޓުން ނިންމާފައި ވަނީ އިސްތިއުނާފް މަރުހަލާގައި މީހަކު ބަންދުކުރަން ޖެހޭ އެއްވެސް ހާލަތެއް އަދި ސަބަބެއް ދައުލަތަށް ދެއްކިފައިނުވާތީ ކަމަށް ބުނެއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ދައުލަތުން ހުށަހެޅީ މިދިޔަ ހަފުތާގައި ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން މިހާތަނަށް ވަކި ގޮތެއް ނިންމާފައި ނުވެއެވެ.