ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ޝަރީއަތް ނިމެންދެން ބަންދު ނުކުރަން އަނެއްކާވެސް ހައި ކޯޓުން ނިންމައިފިއެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އަނަސް މަރާލާފައި ވަނީ ޖުލައި 31، 2017 ގައެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އަނަސްގެ މަރުގެ ދައުވާ 7 މީހެއްގެ މައްޗަށްކޮށްފައެވެ.
ދައުވާކޮށްފައިވާ މީހުންނަކީ:
- މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރައްޒާގް
- ސ. ފޭދޫ/ ވެސްޓަންވިލާ ހަސަން މަހްފޫޒް
- ޅ. ކުރެންދޫ/ އަސަރުމާގެ އަހުމަދު ޒަޔާން
- ތ. ކިނބިދޫ/ ގުލްފާމްގެ މުހައްމަދު ޝާޒް
- ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ
- ލ. ގަން/ނަންނާރިގެ ޖުނައިހު އަބްދުﷲ
- މ. ދިމިޝްގު އުސްމާން ޝަރީފް
- މީގެ އިތުރުން ކުޑަކުއްޖަކު ވެސް ހިމެނޭ
ދައުލަތުން އެދުނު ގޮތާ ހިލާފަށް އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން ހަތް މީހުން ބަންދު ނުކުރުމަށް ހައި ކޯޓުން ނިންމީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހުއެވެ. އެގޮތަށް ހައި ކޯޓުން ނިންމާފައި ވަނީ އިސްތިއުނާފް މަރުހަލާގައި މީހަކު ބަންދުކުރަން ޖެހޭ އެއްވެސް ހާލަތެއް އަދި ސަބަބެއް ދައުލަތަށް ދެއްކިފައިނުވާތީ ކަމަށް ބުނެއެވެ.
އެއަށް ފަހު މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ދައުލަތުން ހުށަހެޅީ ހަމަ އެމަހުގެ ފަހުކޮޅުއެވެ. މި މައްސަލަ ސުޕްރީމް ކޯޓުން ބެލުމަށްފަހު، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ހުކުމް ކުރެއްވީ ހައި ކޯޓުން އެ މީހުން ބަންދު ނުކުރަން ނިންމި ނިންމުމުގައި ބެލި ކަންކަމަކީ ގާނޫނުގައި ބަލަން ބުނެފައިވާ ކަންކަމުގެ ބޭރުން އިތުރަށް ބަލާފައިވާ ކަންކަން ކަމަށެވެ.
މި މައްސަލައާއި ގުޅިގެން މިއަދު ހައިކޯޓުން ވަނީ ގޮތެއް ކަނޑައަޅާފައެވެ. އެގޮތުން ހައި ކޯޓުން އަނެއްކާވެސް ނިންމީ ދައުވާލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދު ނުކުރުމަށެވެ. އެފަދައިން ނިންމާފައި ވަނީ ދައުވާލިބޭ މީހުން އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބުރަވެވޭ ފަދަ ތަފްސީލެއް ދައުލަތެއް ހުށަހަޅާފައިނުވާ ކަމަށް ބުނެއެވެ.
އެހެންކަމުން އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ނުކުރެވޭނެ ކަމަށް ނިންމާފައި ވަނީ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.