ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ކުރާ ތުހުމަތުތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އިންކާރުކުރައްވައިފިއެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވިކަމަށް ތުހުމަތުކޮށް ފަނޑިޔާރު އަޒްމިރަލްދާ ހާޒިރުކުރީ މިއަދު 10 ޖަހާއިރަށެވެ.
ޖޭއެސްސީގެ ސުލޫކީ ކޮމިޓީއަށް ފަނޑިޔާރު އަޒްމިރަލްދާ ދެއްވި ޖަވާބާ ގުޅޭގޮތުން 'ދަ ޕްރެސް' އިން ސުވާލުކުރުމުން، ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ވިދާޅުވީ، ޖޭއެސްސީގެ ތުހުމަތުތަކަށް ފަނޑިޔާރު އަޒްމިރަލްދާ އިންކާރުކުރައްވާފައިވާ ކަމަށާއި، ކްރިމިނަލް ކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
މިއަދު ޖޭއެސްސީގެ ސުލޫކީ ކޮމިޓީއަށް ފަނޑިޔާރު އަޒްމިރަލްދާ ދެއްވި ބަޔާނުގައި ސޮއިކުރަން މެންދުރު 1 ޖަހާއިރު ހާޒިރުކުރަން ނިންމާފައިވާ ކަމަށް ވެސް ޝަމީލް ވިދާޅުވިއެވެ.
ހަމަ މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު މިދިޔަ އާދީއްތަ ދުވަހު ޖޭއެސްސީ އަށް ހާޒިރުކޮށް ބަޔާން ނަގާފައިވެއެވެ. ތުހުމަތުތަކަށް ފަނޑިޔާރު މަހާޒު ވެސް ވަނީ އިންކާރުކުރައްވައިފައެވެ.