އާންމު ރައްޔިތުންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވަކި އުމުރުފުރައެއްގެ ކުޑަކުދިންނަށް ގެއްލުންހުރި ސޯޝަލް މީޑިއާ ވަސީލަތްތައް ރެސްޓްރިކްޓް ކުރުމުގެ ސިޔާސަތެއް އެކުލަވައިލުމަށް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިފަދައިން ވިދާޅުވެފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އިހުސާން ވިދާޅުވީ މި ސިޔާސަތުގެ މައިގަނޑު މަގުސަދަކީ އޮންލައިން މާހައުލުގައި ކުޑަކުދިންނަށް ކުރިމަތިވާ ގްރޫމިން، ސައިބާ ބުލީންނާއި ދޮގު މައުލޫމާތު އަދި އުމުރާ ނުގުޅޭ ނުރައްކާތެރި ކަންކަމުން ކުދިން ރައްކާތެރިކުރުންކަމަށެވެ.
އިހުސާން ވިދާޅުވީ ރެސްޓްރިކްޓް ކުރެވޭނީ ގެއްލުންހުރި ކޮންޓެންޓް ހުންނަ ވަކިވަކި އެޕްތަކާއި ވެބްސައިޓްތައް އެކަނިކަމަށާއި، ތައުލީމީ އަދި ސިއްހީ މައުލޫމާތު ފޯރުކޮށްދޭ އެޕްލިކޭޝަންތަކަށް ކުދިންނަށް ވަދެވޭނެކަމަށެވެ.
ސަރުކާރުގެ ޓެކްނިކަލް ޓީމުތަކުގެ ދިރާސާތަކުން ދައްކާގޮތުގައި މިފަދަ ރެސްޓްރިކްޝަނެއް ގެނައުމަށް އެންމެ އެކަށޭނަ އުމުރަކީ 16 އަހަރުކަމަށް ވިދާޅުވެ އިހުސާން ވަނީ މިކަމާ ގުޅޭ ޕޭޕަރެއް އިއްޔެ ކެބިނެޓްގެ ސޯޝަލް ކައުންސިލަށް ހުށަހަޅާފައިވާކަމަށް ވިދާޅުވެފައެވެ.
އިހުސާން ވިދާޅުވީ އެ ކައުންސިލްގެ ލަފަޔާ، މަދަނީ ޖަމްއިއްޔާތަކާއި، ކަމާގުޅޭ ފަރާތްތަކާއި އަދި އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު ނޫނީ ކެބިނެޓުން ގޮތެއް ނުނިންމާނެކަމަށެވެ.
