ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މާދަމާ ހެނދުނު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން އަންގައިފިއެވެ.
ޖޭއެސްސީއަށް އަޒްމިރަލްދާ ހާޒިރުވާން ފުރަތަމަ އަންގާފައި ވަނީ އިއްޔެ ހެނދުނު 11:00 އަށެވެ. ނަމަވެސް އެ އަޑުއެހުން މިއަދަށް ބަދަލުކޮށްފައިވާކަން އިއްޔެ ޖޭއެސްސީއިން ވަނީ އަންގާފައެވެ. މިއަދު ބާއްވަން ނިންމި އަޑުއެހުން އަނެއްކާވެސް ފަސްކޮށްފައިވާއިރު މިހާރު އަޒްމިރަލްދާ ޖޭއެސްސީ އަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.
ޖޭއެސްސީން އަޒްމިރަލްދާގެ މައްޗަށް ބަލަމުންދާ އެއް މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ބަންދު ކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތެކެވެ. ނަމަވެސް މި ތުހުމަތުތަކަށް އަޒްމިރާލްދާގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ އަޒްމިރާލްދާގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލަތަކަކީ އަސްލެއް އަސާސެއްނެތި ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމަށެވެ.
މި މައްސަލައިގެ އިތުރުން ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތް ކުރެއްވި ތަނެއްގައި އަޒްމިރަލްދާ އިންނެވި މައްސަލައެއްވެސް ޖޭއެސްސީ އިން ދަނީ ބަލަމުންނެވެ.
އަޒްމިރަލްދާ ހާޒިރުކޮށް ޖޭއެސްސީ އިން ކުރިއަށް ގެންދާ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އޭނާގެ ފަރާތުން ވަނީ އެދިފައެވެ. ނަމަވެސް އެ ކޮމިޝަނުން ވަނީ މައްސަލައިގެ އަޑުއެހުންތައް އާންމުންނަށް ހުޅުވާ ނުލާން ނިންމާފައެވެ.
މި މައްސަލައިގައި އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މަހާޒު އަލީ ޒާހިރު ވެސް ޖޭއެސްސީއަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޕާޓީ ބަދަލުކުރުންނާއި ޕާޓީން ވަކިކުރުމުންވެސް މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމާއެކު އެ އިސްލާހު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ހިނގަމުންދަނިކޮށް، އޭސީސީ އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށްބުނެ ޖޭއެސްސީއިން ވަނީ ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރުވެސް ސަސްޕެންޑު ކޮށްފައެވެ.