މިއަދު ހެނދުނު އދ. ދިގުރަށުން މާލެއަށް ދަތުރުކުރި ލޯންޗެއް ދިޔަވެ، އޭގައި ތިބި 48 މީހުން އޮޔާ ދަނިކޮށް ފުލުހުން އެ މީހުން ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނީ، ދިގުރަށުން މާލެއަށް ދަތުރުކުރަމުން ދިޔަ 'ހުވަން' ލޯންޗު ގާތްގަނޑަކަށް ހެނދުނު 8 ޖަހާއިރު ދިޔަވެފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. ފޭސްބުކްގައި ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، އެ ލޯންޗުގައި ތިބީ 45 ފަސިންޖަރުންނާއި ތިން ފަޅުވެރިންނެވެ.

އެ 45 ފަސިންޖަރުންގެ ތެރޭ ހަތަރު ކުޑަކުދިން ވެސް ހިމެނެއެވެ.

ފުލުހުން ބުނީ، ލޯންޗު ދިޔަވިކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުންގެ އެމަޖެންސީ ރެސްޕޮންސް ޓީމުތައް ވަގުތުން ހާދިސާ ހިނގި ސަރަހައްދަށް ފޮނުވާފައިވާނެ ކަމަށެވެ.

ލޯންޗުގައި ތިބި 48 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށާއި، އެ މީހުން ދިގުރަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހްގީގުކުރަމުންނެވެ.