ސަރުކާރުގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން އެޗްޑީސީން 1 މިލިއަން ގަސް އިންދަން ނިންމާ ޕްލެޖްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި ސޮއިކޮށްފައިވަނީ ކުޑަގިރި އަށް ދެ އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލްއެވެ. މައުރޫފް ވިދާޅުވީ އެޗްޑީސީން 1 މިލިއަން ގަސް އިންދަން ނިންމާފައިވަނީ އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމަށާއި، ރައީސް މުއިއްޒު އިއުލާން ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ މަސައްކަތަށް އެޗްޑީސީން އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.
އެޗްޑީސީ އިން ބުނީ މި އަމާޒަށް ވާސިލުވުމަށްޓަކައި ލ. ގަމުގައި އެއްލައްކަ އަކަފޫޓުގެ ނާސަރީއެއް ގާއިމްކުރުމަށް ނިންމާފައިވާކަމަށާއި، ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެއާއި، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދާ ގަސްތައް ހެއްދުމަށް މި ނާސަރީ ބޭނުންކުރާނެ ކަމަށެވެ.
އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަންގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީވެސް ފެހި މާހައުލަކަށް ހެދުމާއެކު ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަކީ އެ ކޯޕަރޭޝަންގެ އަމާޒު ކަމަށެވެ.
މުޅި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގަވާނެ ކަމަށް ރައީސް އިއުލާނުކުރެއްވީ ޔޫއޭއީގެ ދުބާއީގައި 2023 ވަނަ އަހަރު ޑިސެމްބަރު މަހުގެ ކުރީކޮޅު ބޭއްވި ކޮޕް-28 ސަމިޓުގައެވެ.
5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އަމަލީގޮތުން ލޮނުޒިޔާރަތް ޕާކުގައި ފައްޓަވައިދެއްވަމުން ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ރަށްތަކުގެ ވިލުންތެރިކަން އިތުރުކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ރާއްޖޭގެ ކޮންމެ މުރަކައެއް، ކޮންމެ ވެލި ފުކެއް، ކޮންމެ މަހެއް، އަދި ކޮންމެ ރުކަކީވެސް އަގުހުރި އެއްޗެއްކަމަށާއި، އެއިން ކޮންމެ އެއްޗަކަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި އިގްތިސާދަށާއި މުޅި ގައުމަށްވެސް ލިބޭ އުނިކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެޗްޑީސީގެ އިތުރުން ސްޓެލްކޯއިން ވެސް ވަނީ 5 މިލިއަން ގަސް އިންދުމުގެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް އޮތް 5 އަހަރު ތެރޭ 500،000 ގަސް އިންދުމުގެ ޕްރޮގްރާމެއް މިދިޔަ އަހަރު ފަށާފައެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.