މި ސީޒަންގެ ފުރަތަމަ މެންޗެސްޓާ ޑާބީގައި އަވަށްޓެރި ދެ ޓީމު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާ މެންޗެސްޓާ ސިޓީ ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މިމެޗު ޔުނައިޓެޑުން ކާމިޔާބުކުރީ ފަހަތުން އަރާ ދެ ލަނޑު ޖަހާ 1-2 އިންނެވެ.

ފޫހި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފްގެ ބޮޑު ބައެއް ނިމިގެން ދިޔަ އިރު ދެ ޓީމުން ކުރެ ޓީމަކަށް ހަމަލާއެއް ނުއުފެއްދެއެވެ.

ބަދަލުގައި ދެ ޓީމުގެ ފަރާތުން މިސް ޕާސްތަކާ މިސްޓޭކްތައް ގިނައިން ފެނުނެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުނީ ސިޓީ ކުރީގައި އޮވެގެންނެވެ.

ސިޓީގެ ލަނޑު ޖަހާ ދިން ވާޑިއޯލް އާ ޑިފެންޑަރު ޑިއޭޒް/ފޮޓޯ: އެކްސް

މިގޮތުން، މެޗުގެ 36 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ކޯނަރަކުން މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޑިފެންރު ޔަސްކޯ ވަޑިއޯލްއެވެ.

މެޗުގެ ދެވަނަ ހާފްގައި ސިޓީގެ ކޮޅަށް ލަނޑު ޖަހާނެ ދެތިން ފުރުސަތެއް ޔުނައިޓެޑަށް ލިބުނު އިރު އެފުރުސަތުތައް ދިޔައީ ބޭކާރު ވެގެންނެވެ. ލީޑު ފުޅާ ކުރާނެ ފުރުސަތުތައް ސިޓީއަށް ވެސް ލިބުނު އިރު ފަހުގެ ތާރީހެއްގައި ކުޅުނު އެންމެ ފޫހި މެންޗެސްޓާ ޑާބީ ނިމެން ދަނިކޮށް ސިޓީގެ މެތާއަސް ނޫނޭސް ކުރި ފައުލެއްގެ ސަބަބުން ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބުނެވެ.

މި ޕެނަލްޓީއާ ޔުނައިޓެޑަށް ޖަހާ ދިނީ ކެޕްޓަން ބްރޫނޯ ފަނާންޑޭޒްއެވެ.

ދެން ފެނިގެން ދިޔައީ މެޗުން ޔުނައިޓެޑް މޮޅުކޮށް ދިން ލަނޑު ޖެހިތަނެވެ. މެޗުގެ 90 ވަނަ މިނެޓްގައި އެލަނޑު އެޓީމަށް ޖަހާ ދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އަމާދް ޑިއާލޯއެވެ.

މިމެޗުން މޮޅުވުމުން ޔުނައިޓެޑް މިވަނީ ތާވަލުގެ 12 ވަނައަށް ޖެހިލާފައެވެ. އަދި ތާވަލުގެ ގަދަ 4 އަކަށް އެރުމަށް ސިޓީއަށް ލިބުނު ފުރުސަތު އެޓީމުން އަނެއްކާވެސް ނަގާލި އިރު އެޓީމު މިހާރު އޮތީ ތާވަލުގެ 5 ވަނައިގައެވެ.