ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގަމުން އަންނަ ޓީޖީއެސްޓީ ރޭޓު ބަދަލުކޮށް، ގާނޫނަށް ގެނައި އިސްލާހަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފިއެވެ.
ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަ ކުރުމަށާއި ބޭރުގެ ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމުގެ މަގްސަދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސްތައް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލް މިދިޔަ އޮކްޓޯބަރު މަހު ފާސްކޮށްފައިވާއިރު އެ ބިލު ރައީސް ތަސްދީގު ކުރައްވާފައި ވަނީ ހުސްވި މަހުއެވެ.
ބިލު ފާސްކޮށް، ގާނޫނު އަސާސީއަށް ގެނައި އިސްލާހުގައި ވަނީ ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރުމަށާއި، ގްރީން ޓެކްސް ދެގުނަ ކުރުމަށާއި، އެއާޕޯޓުތަކުން ބޭރަށް ފުރާ މީހުންގެ އަތުން ނަގާ ޓެކުހާއި ފީ ބޮޑު ކުރުމެވެ. މި ބަދަލާއެކު އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހީން ފިޔަވައި އެހެން އެންމެންގެ ޓިކެޓުތަކުގެ ވަނީ ބޮޑުވެފައެވެ.
އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް އަށް ގެންނައި އިސްލާހު:
- އިކޮނޮމީ ކްލާހުން ފުރާ ބިދޭސީންގެ އަތުން ނަގާ ފީ 30 ޑޮލަރުން 50 ޑޮލަރަށް އިތުރުވުން
- ބިޒްނަސް ކްލާހުން ފުރާ މީހުން (ދިވެހިންނާއި ބިދޭސީން)ގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް އިތުރުވުން
- ފަސްޓް ކްލާހުން ފުރާ މީހުން (ދިވެހިންނާއި ބިދޭސީން)ގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް އިތުރުވުން
- ޖެޓުގައި ފުރާ މީހުން (ދިވެހިންނާއި ބިދޭސީން)ގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށް އިތުރުވުން
މި އަދަދުތަކާ އެއްގޮތަށް ޑިޕާޗާ ޓެކްސް އާއި އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ވެސް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ބޮޑެތި ގެސްޓްހައުސްތަކާއި ރިސޯޓުތަކުން ގްރީން ޓެކުހުގެ ގޮތުގައި ނަގާ 6 ޑޮލަރު 12 ޑޮލަރަށް ބޮޑުކުރުމަށާއި، ކުދި ގެސްޓްހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ނަގާ 3 ޑޮލަރު 6 ޑޮލަރަށް އިތުރު ކުރުމަށް ވެސް ވަނީ ނިންމާފައެވެ.
މި ގެނައި ބަދަލާ އެކު ޖުމްލަ އާމްދަނީ އަށް 1.5 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައިވާއިރު މީގެ ސަބަބުން ސަރުކާރުގެ ރެވެނިއު އިތުރުވެ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ.