ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި، ގަންނަ ފަރާތްތަކަށް ސާފުކޮށް އެނގޭނޭހެން އަގު ޖަހާފައި ނުހުންނަ ކަމުގެ ޝަކުވާ ލިބެމުންދާތީ، އެފަދަ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިގްތިސާދީ ތަރައްގީ އާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއިން ބުނެފިއެވެ.

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ވިއްކާ މުދަލުގެ އަގު ކޮންމެ މުދަލެއްގައިވެސް ސާފުކޮށް އެނގޭނެހެން ހުންނަންޖެހޭނެކަމަށާއި މިފަދައިން އަގު ނުޖަހާ މުދާ ވިއްކަން ބެހެއްޓުމަކީ މަނާކަމެކެވެ.

އަގު ޖަހާފައިވާ ކަމަށް ބެލެވޭނެ މިންގަނޑުތައް އާންމުކޮށް އެ ވުޒާރާއިން ބުނީ މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުންނަން ޖެހޭނެ ކަމަށެވެ އަދި .އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން ސާފުކޮށް އެނގޭގޮތަށް ހުންނަންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

މި ގާނޫނާ އެއްގޮތަށް ވިޔަފާރިތަކުން އަމަލުކުރޭތޯ ބެލުމަށްޓަކައި، ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން އެވުޒާރާއިން ވިޔަފާރިތައް އިންސްޕެކްޓްކޮށް މޮނިޓާކުރަމުން ގެންދާނެކަމަށް ވަނީ ބުނެފައެވެ. އަދި ގާނޫނާ ހިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު އެގާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެ ވުޒާރާއިން ވަނީ އިންޒާރުދީފައެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް ވިޔަފާރިތަކުން މި މިންގަނޑުތަކަށް ފެތޭގޮތަށް މުދަލުގައި އަގު ޖެހުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.