ރަސްމާލެ ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއަކީ ސަރުކާރުން އެއްވެސް ސޮވްރިން ގެރެންޓީއެއް ދީގެން، ނުވަތަ ލޯނެއް ނަގައިގެން އަދި ޓެކްސް ކޮންސެޝަނެއް ނުވަތަ ޑިއުޓީ އެކްސެޕްޝަނެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، އެތަނުން ބިން ދޫކުރަނީ ހަމައެކަނި ކުއްޔަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ނޭޝަން ޗެޓް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން ބޭރުގެ އެއްވެސް ފަރާތަކަށް ބިން މިލްކުކޮށް ނުދޭނެ ކަމަށާއި އެއީ ގާނޫނުއަސާސީން ވެސް މަނާކުރާ ކަމެއް ކަމަށެވެ. އަދި ކުރީގެ ސަރުކާރަކުން ގާނޫނު އަސާސީ ބަދަލުކޮށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތް ހެދި ނަމަވެސް، ފަހުން އެ މާއްދާ އުވާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ އެއްވެސް އިންވެސްޓްމަންޓެއްގައި ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ބިން މިލްކު ނުކޮށްދީ ގެނެވެން އޮތް އެންމެ ގިނަ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.

"މިތަނުގެ ބިން އެއްވެސް ފަރާތަކަށް މިލްކުވާކަށް ހަމަ ގައިމުވެސް އަޅުގަނޑު ފުރުސަތެއް ނުދޭނަން. މިލްކު ނުވެ މިތަނަށް ގެނެވޭނެ އެންމެ ގިނަ އިންވެސްޓްމެންޓްތައް ގެންނަން އަޅުގަނޑު ބޭނުން ވަނީ. އެހެންވީމަ މިގޮތަށް މުޅި ޕްރޮޖެކްޓް ރޭވިފަވެސް މިއޮތީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ގައުމަށް ފައިދާއެއް ވާން އުޅޭ ކޮންމެ ފަހަރަކު ހުރަސްއެޅުމުގެ ގޮތުން ދައްކާ ވާހަކަތަކެއް ކަމަށް ވިދާޅުވެ، މިއިން އެއްވެސް ހުރަހަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ސަބަބުން ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އެއްވެސް ފުރުސަތަކަށް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން، މުޅި މަޝްރޫއު ނިންމުމަށް 10 އަހަރު ދުވަސް އަންދާޒާ ކުރެވުނު ނަމަވެސް، އަސާސީ ހިދުމަތްތަކުގެ މަސައްކަތް މާ އަވަހަށް ނިމިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، މި އަހަރުގެ ތެރޭގައި ބިން ހިއްކާ ނިންމުމަށް މަސައްކަތް ކުރަމުންދާއިރު، އަންނަ އަހަރުގެ ކުރީކޮޅު ޔުޓިލިޓީސްގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.