އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ދެވަނައިގައި އޮތް މެންޗެސްޓާ ސިޓާއާ 8 ޕޮއިންޓް ދުރަށް ޖެހިލައިފިއެވެ.

ލިވަޕޫލުން އެޓީމުގެ ލީޑު ފުޅާ ކޮށްފައިވަނީ މިރޭ ސައުތްހެމްޓަންއާ ވާދަކޮށް 3-2 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ލިވަޕޫލުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ ސަބޮސްލާއީ/ފޮޓޯ: އެކްސް

ސައުތްހެމްޓަންގެ ޑިފެންސުން ހެދި ގޯހެއްގެ ފައިދާ ނަގާ މިލަނޑު ލިވަޕޫލަށް ކާމިޔާބުކޮށް ދިނީ ޑޮމިނިކް ސަބޮސްލާއީއެވެ. ލީޑު ފުޅާ ކުރާނެ މާ ގިނަ ފުރުސަތުތަކެއް ލިވަޕޫލަށް ނުލިބުނު އިރު ފުރަތަމަ ހާފް ނިމެން ދަނިކޮށް ސައުތްހެމްޓަން އަށް ލިބުނު ޕެނަލްޓީއަކުން އެޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.

ސައުތްހެމްޓަންގެ ފުރަތަމަ ލަނޑު ޖަހާ ދިން އާމްސްޓްރޯންގް/ފޮޓޯ: އެކްސް

އަދި ދެވަނަ ހާފް ފެށި ތަނާހެން އެޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި ސައުތްހެމްޓަންއިން މެޗުގެ ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ފަނާންޑޭޒްއެވެ.

އެހެން ނަމަވެސް މެޗުގެ ފަހު 25 މިނެޓްގައި ލިވަޕޫލުުގެ ފޯވަޑް މުހައްމަދު ސަލާހް ވަނީ ދެ ލަނޑު ޖަހާ ޓީމު މޮޅުކޮށްދީފައެވެ. މި ދެ ލަނޑާއެކު ސަލާހް މިވަނީ ލީގުގައި މިސީޒަންގައި 10 ލަނޑު ޖަހާފައެވެ.

ސަލާހްގެ ދެވަނަ ލަނޑު ޖަހާ އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

މިމެޗުން މޮޅުވެ ލިވަޕޫލަށް 8 ޕޮއިންޓްގެ ލީޑެއް މި ލިބުނީ ދެވަނައިގައި އޮތް ސިޓީ ޖައްސަ ޖައްސައިގެން ތިން ލީގު މެޗުން ބަލިވެފައިވަނިކޮށެވެ. މިގޮތުން، ރޭ ސިޓީގެ ދަނޑުގައި އެޓީމުން ވަނީ ޓޮޓެންހެމް އަތުން 4-0 އިން ބަލިވެފައެވެ.

އަންނަ ހަފްތާގެ އާދިއްތަ ދުވަހު ލިވަޕޫލާ ސިޓީ ވާދަކުރާ އިރު އެމެޗުން މޮޅުވެގެން ސިޓީއާ 11 ޕޮއިންޓް ދުރަށް ޖެހުމުގެ ފުރުސަތު ލިވަޕޫލަށް ލިބޭނެއެވެ.