ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިވެރިން ލިބޭ ޑޮލަރު ބޭންކްތަކަށް މާރުކުރަން ޖެހޭ ގޮތަށް ހެދި ގަވާއިދުގެ ދަށުން އެއް ރިސޯޓް ފިޔަވާ އެހެން ހުރިހާ ރިސޯޓަކުން ވެސް ރަޖިސްޓްރީ ވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
ބޭރު ފައިސާގެ ބާޒާރުގައި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި، އަދި އެ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށް "މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު" އަށް އިސްލާހު ގެނެސް ތަސްދީގު ކޮށް އަމަލުކުރަން ފަށާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. މި ގަވައިދުގެ ދަށުން ޓޫރިޒަމް ވިޔަފާރި ކުރާ ފަރާތްތަކުން އެމްއެމްއޭގައި ރަޖިސްޓްރީ ވުމަށް ހުޅުވާލާފައި ވަނީ އޮކްޓޯބަރު ދެވަނަ ދުވަހުއެވެ. އެގޮތުން އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވުމަށް ވަނީ އަންގާފައެވެ.
އެމްއެމްއޭ އިން ބުނީ، ބޭރު ފައިސާއާ ބެހޭ ގަވައިދުގެ ދަށުން 173 ރިސޯޓަކުން ރަޖިސްޓްރީ ވެފައިވާ ކަމަށެވެ. މިވަގުތު ރާއްޖޭގައި ހިންގަނީ 174 ރިސޯޓް ކަމަށްވާ އިރު މި ވަގުތު އެމްއެމްއޭގައި ރަޖިސްތްރީ ނުވެ އޮތީ އެއް ރިސޯޓެވެ. އަދި މި ގަވާއިދާ ގުޅިގެން ބައެއް ރިސޯޓްތަކުން ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެމްއެމްއޭއިން ބުނި ނަމަވެސް ހުށަހެޅި ޝަކުވާގެ އަދަދު ހާމައެއް ނުކުރެއެވެ.
އޮކްޓޯބަރު އެއްވަން ދުވަހު އަމަލުކުރަން ފެށި މި ގަވައިދާއެކު "މަނީ ޗޭންޖާ ކަމުގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގަވާއިދު (1987)" ވަނީ އުވިފައެވެ.
ބޭރު ފައިސާއާ ބެހޭ ގަވައިދާ ގެނައި އިސްލާހުގެ ތެރޭގައި ހިމެނެނީ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފެސިލިޓީތަކަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކުތައް މެދުވެރިކޮށް މާރުކުރަން ޖެހޭ ގޮތަށެވެ. މި ގަވައިދުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުން ހަރުދަނާކޮށް ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރުމުގެ ގޮތުން ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
އެގޮތުން ކެޓަގަރީ އޭ ގެ ގޮތުގައި ހިމެނޭ ރިސޯޓުތަކާއި، އިންޓަގްރޭޓަޑް ރިސޯޓުތަކާއި، ރިސޯޓު ހޮޓާތަކާއި، ހޮޓާތަކާއި، ފަތުރުވެރިކަމުގެ އުޅަނދުފަހަރާއި އެނޫންވެސް އެފަދަ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހެއެވެ.
ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ފަތުރުވެރިންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހެއެވެ.