މަނީ އެކްސްޗޭންޖް ކުރުމުގެ ގަވާއިދުތަކާ ކަނޑައެޅިގެން ހިލާފުވުމާ ގުޅިގެން، ރާއްޖޭގައި ފުޅާދާއިރާއެއްގައި ބޭރު ފައިސާގެ ވިޔަފާރިކުރާ "އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް" ބޮޑު އަދަދަކުން ޖޫރިމަނާކޮށް އެ ކުންފުނީގެ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހިފަހައްޓައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެ ކުންފުނި ވަނީ 500،000 (ފަސް ލައްކަ) ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި ހަމައެއާއެކު އެ ކުންފުންޏަށް ދޫކޮށްފައިވާ ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ވަގުތީ ގޮތުން ވަނީ ހިފަހައްޓާފައެވެ.

ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމުގެ ތެރޭގައި، ނުރަސްމީ ރޭޓުތަކުގައި ޑޮލަރު ވިއްކައި ނާޖާއިޒު މަންފާ ހޯދާ ފަރާތްތައް ހުއްޓުވުމަށް ސަރުކާރާއި މަރުކަޒީ ބޭންކު ގުޅިގެން މިހާރު ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

މިގޮތުން ގަވާއިދާ ހިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ގާނޫނަށް ބަދަލު ގެނެސް، ފުލުހުން މެދުވެރިކޮށް ހިންގި ހާއްސަ ރެއިޑްތަކެއްގައި ގިނަ އަދަދެއްގެ ފައިސާ އަތުލައިގަނެ، މިކަމުގައި އިސްކޮށް އުޅުނު ގިނަ އަދަދެއްގެ ބިދޭސީން ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މަނީ އެކްސްޗޭންޖް ލައިސަންސް ނެތި ގާނޫނާ ހިލާފަށް ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި، ފުލުހުންގެ ތެރޭގައި ހާއްސަ ޓާސްކްފޯސްއެއް އެކުލަވާލައި މައުލޫމާތު ހިއްސާކުރެވޭނެ ނިޒާމެއް ވަނީ ގާއިމުކޮށްފައެވެ. ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކުމާއި، އެފަދައިން އިޝްތިހާރު ކުރުމަކީ ކުށެކެވެ. އަދި ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭނީ އެމްއެމްއޭގެ ސައްހަ ލައިސަންސް އޮންނަ ފަރާތްތަކަށް އެކަންޏެވެ.