ޑާކްރެއިން އެންޓަޓެއިންމަންޓުން އެންމެ ފަހުން އޮލިމްޕަހުގައި އެޅުވި ހޮރޯ ކޮމެޑީ ފިލްމު "ބިބީ" ލާމު އަތޮޅުގައި އަޅުވަން ނިންމައިފިއެވެ.

އެގޮތުން ލ ކުނަހަންދޫ، ހިތަދޫ، މާވަށް، ފޮނަދޫ އަދި މާމެންދޫ ގައި ފިލްމުގެ ޝޯ ދެއްކުމަށްވަނީ ހަމަޖެހިފައެވެ. ކުނަހަންދޫގެ ޒުވާނުންގެ ހަޓުގައި މި ފިލްމު އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އަޅުވަން ހަމަޖެހިފައިވާއިރު ހިތަދޫ ސްކޫލު ހޯލުގައި މި ފިލްމު އަންނަ މަހުގެ ދެވަނަ ދުވަހު އަޅުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މާވަށުގެ ޔޫތު ސެންޓަރުގައި މި ފިލްމު އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ރޭ އަޅުވަން ނިންމާފައިވާއިރު ފޮނަދޫގައި މި ފިލްމު ދައްކާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ އެ ރަށު އިޖުތިމާއީ މަރުކަޒުގައެވެ. އަދި މާމެންދޫގައި މި ފިލްމު އަޅުވަން ހަމަޖެހިފައިވަނީ އެ ރަށު ޕްރީ ސްކޫލު ހޯލުގައި އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ރޭގަނޑެވެ. މީގެ އިތުރުން މި ފިލްމު ދަ ރިޓްޒް ކާލްޓަން އެންޑް ޕަޓީނާ ރިސޯޓުގައި އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ އަޅުވަން ވަނީ ނިންމާފައެވެ.

ބިރުވެރި މަޖާ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމަކީ މަޝްހޫރު ރޭޑިއޯ ޕްރެޒެންޓަރު (އާރްޖޭ) ޝަހުދާ މަހްމޫދު ޑައިރެކްޓްކުރި ފިލްމެކެވެ. މިއީ ޝަހުދާގެ ފުރަތަމަ ފީޗާ ފިލްމުވެސް މެއެވެ. އާރްޖޭއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ޝަހުދާގެ އަލަތު ފީޗާ ފިލްމުގައި ލީޑު ރޯލު ކުޅެނީ އޭނާގެ ފިރިމީހާ ޝަރަފް އަބްދުﷲ އެވެ. ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދާނީ ޑާކްރެއިންގެ މޫނުކަމަށްވާ މަރިޔަމް މަޖުދާ (މަޖޫ) އެވެ. ފިލްމުގައި ޝީލާ ނަޖީބު އަދި އަހުމަދު ސައީދުގެ އިތުރުން ފުބޫ އަދި އަމާން ވަނީ މުހިއްމު ރޯލުތަކެއް އަދާކޮށްފައެވެ.

މި ފިލްމަކީ ޑާކްރެއިނުން ގެނެސްދޭ އެހެން ފިލްމުތަކާ ވަރަށް ތަފާތު ފިލްމެކެވެ. ހަމައެއާއެކު މި ފިލްމަކީ ޝަރަފް އާއި މަޖޫ އެކުގައި ކުޅޭ ފުރަތަމަ ފީޗާ ފިލްމުވެސް މެއެވެ.