އިންގްލިޝް ޕްރިިމިއާ ލީގު ތާވަލުގެ 14 ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން އެޓީމުގެ ކޯޗު ކަމުން އެރިކް ޓެން ހާގް ވަކިކޮށްފިއެވެ.
ޓެން ހާގް ވަކިކޮށްފައި މިވަނީ ރޭ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން 2-1 އިން ޔުނައިޓެޑް ބަލިވެފައިވަނިކޮށެވެ.
މި ސީޒަންގައި ޔުނައިޓެޑް އަދިި ފޯމަކަށް ނޭޅޭ އިރު ލީގުގައި މިހާތަނަށް ކުޅުނު 9 މެޗުގެ ތެރެއިން އެޓީމުން މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ. އަދި ޔޫރަޕާ ލީގުގެ ފުރަތަމަ ބުރު ލީގު ފޯމެޓަށް ކުޅޭ އިރު ޔުނައިޓެޑް އޮތީ 36 ޓީމު ހިމެނޭ މުބާރާތުގެ 21 ވަނައިގައެވެ.
ޓެން ހާގް ކޯޗު ކަމުން ވަކިކުރުމުން ދެން ވަގުތީ ގޮތުން އެޓީމުގެ ކޯޗު ކަމާ ހަވާލުވާނީ މި ސީޒަންގައި ޓެން ހާގްގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި ގުޅުނު ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ރުޑް ވެނިސްޓަރޯއީއެވެ.
ކްލަބުން ބުނީ ޓެން ހާގް ކޯޗު ކަމުުން ވަކިކުރުމަށް ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށާ އެހެން ނަމަވެސް މި ނިންމުން ނިިންމީ މުޅި ބޯޑުގެ އަގުލަބިއްޔަތުން ކަމަށެވެ.
މިދިޔަ ސީޒަންގެ އެފް އޭ ކަޕް ތަށި ޔުނައިޓެޑަށް ހޯދައިދިން ޓެން ހާގްގެ ކޮންޓްރެކްޓް ކްލަބުން އާ ކުރީ އެއް އަހަރު ދުވަހަށެވެ. އެހެން ނަމަވެސް މި ސީޒަންގެ ނަތީޖާތައް އެދެވޭ ގޮތާ ގާތަށް ވެސް ގޮސްފައި ނުވާ އިރު މިއީ ކްލަބްގެ ތާރީހުގައި ވެސް ދެވަނަ އަށް އެންމެ ނަތީޖާތައް ގޯސް ސީޒަނެވެ.