މުޅި ދައުލަތުގެ ބަޖެޓުން ސިޔާސީ ފަރާތްތަކުގެ މުސާރައަށް ހަރަދުކުރަނީ އެއް ޕަސެންޓު ކަމަށްވީ ނަމަވެސް، ސިޔާސީ މުވައްޒަފުންގެ މުސާރަތައް ކުޑަކުރަން ނިންމީ ސަރުކާރުން ހަރަދުކުޑަކުރަން ނިންމާފައިވާ ސިޔާސަތުގެ ދަށުން އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ކަމަށް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ސަޕްލެމެންޓަރީ ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި މިހާރު ވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތައް ފައިދާވާ ކުންފުނިތަކަކަށް ހެދުމަށްޓަކައި އެ ކުންފުނިތަކުގެ ހިންގުމަށް ބަދަލު ގެނައުމާއި ބައެއް ކުންފުނިތައް އުވާލުން ފަދަ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ދެން އެޅި ފިޔަވަޅުތަކެއް ކަމަށް ޒަމީރު ވިދާޅުވީ:

  • ސަރުކާރުން ސަބްސިޑީ އަށް ކުރާ ހޭދަ ކުޑަކުރުން
  • މިފްކޯ އަށް މަސްވެރިން ވިއްކާ މަހުގެ އަގު ހިފެހެއްޓުމަށްޓަކައި، ބޭރުގެ ބާޒާރުގެ އަގުތަކާ ގުޅިފައިވާ ދެމެހެއްޓެނިވި ސަބްސިޑީ ނިޒާމަކަށް ބަދަލުކުރުން
  • ޕީއެސްއައިޕީ ޕައިޕްލައިން ދައުލަތުގެ މާލީ ހާލަތާއި ބައްދަލު މިންވަރަކަށް ގެނައުމަށް އަލުން ތަރުތީބުކޮށްފައިވުން

އިތުރަށް ޒަމީރު ފާހަގަކުރެއްވި އެހެނިހެން ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

"ސިޔާސީ ފަރާތްތަކުގެ މުސާރައަށް ކުރާ ހޭދައަކީ ސަރުކާރުގެ މުޅި މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދައިގެ 4 އިންސައްތަ ކަމުގައިވީ ނަމަވެސް، މި ބަދަލު ގެނައީ ފިސްކަލް ދެމެހެއްޓެނިވިކަން އިއާދަކުރަން ކުރަމުންދާ މަސައްކަތުގައި ފުރިހަމައަށް ބައިވެރިވެ، ކުޑަ ނަމަވެސް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމުގައި،" ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ފިސްކަލް ޑެފިސިޓާއި ފައިނޭންސް ހޯދަންޖެހޭ މިންވަރު ދަށްކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައި އަހަރުތަކަކަށް ދިގުދަންމާފައިވާ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ދައުލަތަށް އިތުރު ދަރަނި ނަގަން ދަތިވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ސަރުކާރުގެ މާލިއްޔަތަށާއި ދައުލަތުގެ ރިޒާވަށް ބުރަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ މި ހާލަތުން އަރައިގަތުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެއްފަހަރާ ތަންފީޒުކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.