އަންނަ އަހަރުގެ ބަޖެޓަށް އެދި ހުށަހަޅާ އިރު، ސިޔާސީ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނި ކުރުމަށާއި ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ 50 ޕަސެންޓް އުނި ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާ އިރު، އިގްތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މުސާރައާ ގުޅޭ ގޮތުން އަޅާ ފިޔަވަޅަކީ ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުސާރައަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 ޕަސެންޓް އުނިކުރަން ނިންމާފައިވާ އިރު، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އުނިކުރަން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަމައެއާއެކު ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައަޅަން ވެސް ވަނީ ނިންމާފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިހާރު 100،000 ރުފިޔާއަށް ވުރެ ބޮޑު މުސާރަ ބައެއް ކުންފުނިތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބެއެވެ.

މީގެ އިތުރުން މިނިވަން މުައައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް އެ ފަރާތްތަކުގައި އެދުމަށް ވެސް ވަނީ ނިންމާފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުސާރަ އުނިކުރަން ނިންމާފައިވާ ފަރާތްތަކުގެ ތެރޭގައި 12،000 ރުފިޔާ އިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާ ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ މުސާރައިގެ 50 ޕަސެންޓް ނުނަގާ ގޮތަށް ހަމަޖައްސަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ