ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގަމުން އަންނަ ވިތުހޯލްޑިން ޓެކްސް ދެގުނައަށް ބޮޑުކުރުމާއެކު، އޮންލައިން ބުކިންތަކުން އާމްދަނީ ޓެކްސް ނެގޭގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ވިތުހޯލްޑިން ޓެކްސް ދެގުނައަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ޒަރީރެވެ. ވިތުހޯލްޑިން ޓެކުހަކީ އާމްދަނީ ލިބޭ ފަރާތަށް ފައިސާ ދޫކުރުމުގެ ކުރިން، ފައިސާ ދައްކާ ފަރާތުން އެ ފައިސާއިން އުނިކޮށް، ދައުލަތުގެ ޓެކްސް އިދާރާއަށް ދައްކަން ޖެހޭ ޓެކުހެކެވެ.

މި އިސްލާހުގައި ފާހަގަކޮށްފައިވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން މިހާރު ނަގަމުންދާ 5 ޕަސެންޓުގެ ވިތުހޯލްޑިން ޓެކްސް 10 ޕަސެންޓަށް ބޮޑުކުރަށް ވަނީ ހުށަހަޅާފައެވެ. އެ ގޮތުން މި ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ދިވެހި ކޮންޓްރެކްޓަރުންނާއި ބޭރުގެ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާހައުލެއް އުފެއްދުން ކަމުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އޮފްޝޯ ބުކިން ތަކުން ޓެކްސް ނަގަން ސަރުކާރު ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ދާއޫދު ހުށަހަޅާފައިވާއިރު ރާއްޖޭގައި ދާއިމީ ތަނެއް ނެތް ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި، އޮންލައިން ބުކިންތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ހިދުމަތްތަކުން ޖީއެސްޓީ އަދި ޓެކްސް ނެގޭނެ ގޮތް ހަމަޖެއްސުމަށް ވަނީ ހުށަހަޅާފައެވެ.

މި އިސްލާހު ތަންފީޒުކުރުމަށްޓަކައި ދައުލަތުން އެއްފަހަރާ ކުރަންޖެހޭ ހަރަދުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ އަދި ރިކަރަންޓް ހަރަދުގެ ގޮތުގައި އަހަރަކު 5.1 މިލިއަން ރުފިޔާ ހިންގާނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް، މި ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް އަހަރަކު 1.61ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ކޯސްޓް އެސްޓިމޭޓްގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށްޓަކައި މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފައެވެ.