އައިފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް އިން ގުޅިގެން ގެނެސްދޭން ނިންމާފައިވާ ފިލްމު "ދޭދަރު ރުއިން" ގެ އާ ޕޯސްޓަރެއް ބެލުންތެރިންނަށް ދައްކާލައިފިއެވެ.

އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައި ވާ މި ފިލްމަކީ މުޅިން އަލަށް ޑައިރެކްޝަނަށް ނުކުތް އައްޒާމް ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ހަރަކާތްތެރި ވާނީ ޝަރަފު އަބްދުﷲ އާއި މައިހާ އާދަމާއި ހާފިޒް މުހައްމަދުގެ އިތުރުން މޫސާ ރަޝީދެވެ. މި ފިލްމުގެ ޓީޒާ އެއް ބެލުންތެރިންނާ ހަމައަށް މިހާރު ދޫކޮށްލާފައިވާއިރު މި ފިލްމަކީ ތަފާތު ފިލްމެއްކަން ފިލްމުގެ ޓީޒާއިން ވެސް ހާމަވެއެވެ. ފިލްމާ ގުޅޭ މާ ބޮޑު ތަފްސީލެއް ހާމަނުކުރި ނަމަވެސް މި ފިލްމަކީ ބެލުންތެރިން ގަޔާވާނެ ގޮތަކަށް އުފައްދާފައިވާ ފިލްމެކެވެ.

ފިލްމްސް އާއި ކަޒްމިކް ގުޅިގެން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" އެވެ. އެ ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނުއިރު އައިފިލްމްސް އިން ވަނީ މިއަހަރު ފެބްރުއަރީ މަހު ވެސް ފިލްމެއް ގެނެސްދީފައެވެ. އެއީ ބިރުވެރި ޖޯންރާއަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމު "ކަންބަޅި" އެވެ.

މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަނީ ޑާކްރެއިން އެންޓަޓެއިންމަންޓުގެ "ބިބީ" އެވެ. މި ފިލްމުގެ ފަހު ޝޯ މިރޭ އޮލިމްޕަހުގައި އަޅުވާނެއެވެ.