ބ. މާޅޮސް ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ ހާވަލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ. އަދި ޔޫތް މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާޙިމް އާމިރެވެ.

އެމްޓީސީސީ އިން ބުނީ، މި މަޝްރޫއުގެ ދަށުން، ބިންގަނޑު ކޮނުމާއި، ބެކްފިލިން މަސައްކަތާއި، 4,750 އަކަ މީޓަރުގެ ސަރަހައްދެއް ކޮންޕެކްޓް ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. މީގެ އިތުރުން 274 ކޮންކްރީޓް ކާނުގަނޑު ހެދުމާއި، 23 ފެންހިންދާ ވަޅުގަނޑު ހެދުމާއި، 594 ގައު އެތުރުން ހިމެނެއެވެ.

މި މަޝްރޫއަކީ 2.3 މިލިއަން ރުފިޔާއަށް 90 ދުވަސްތެރޭ ނިންމުމަށް އެއްބަސްވެފައިވާ މަޝްރޫއެކެވެ.

775 މީހުންގެ އާބާދީއެއް އޮންނަ ބ. މާޅޮހު ރައްޔިތުން އާމްދަނީ ހޯދަމަށްޓަކައި މައިގަނޑުގޮތެއްގައި ހަރަކާތްތެރިވެ އުޅެނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. މި ރަށުގައި ފުޓްބޯޅަ ދަނޑެއް ހެދިގެން ދިއުމަކީ ރަށުގެ ޒުވާނުންނަށް މުނިފޫހި ފިލުވާލާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ލިބޭނެ ފަހި ފުރުސަތެއް ކަމުގައި އެމްޓީސީސީ އިން ބުނެއެވެ. އަދި މީގެ ސަބަބުން އެ ރަށުގެ އިޖުތިމާއީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.