މާލޭގެ އުތުރު ފަރާތު ބަނދަރު (ނޯތު ހާބަރު) ތަރައްޤީ ކުރުމުގެ ގޮތުން އެ ސަރަހައްދުގައި ފިންގާ ޖެޓީތައް އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ މަޝްރޫޢުގެ ބޮޑުބައެއް ނިމި، 15 މީޓަރުގެ ތިން ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް އެއްކޮށް ނިންމާލައިފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ތެރެއިން 15 މީޓަރުގެ 3 ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އަދި ދެން އެންމެ އަވަހަށް ކުރިއަށްދާނީ ޖެޓީގެ ޑެކުގައި ލަކުޑި ފިލާ (ޓިމްބަރ ޕްލޭންކްސް) އެޅުމާއި، އުޅަނދުފަހަރު ބަނދަރުކުރުމަށް ބޭނުންވާ މޫރިންގ ބޮލާރޑް ހަރުކުރުމުގެ އިތުރުން ޖެޓީ ސަރަހައްދު އަލިކުރުމަށްޓަކައި ބައްތިތައް ހަރުކުރުމުގެ މަސައްކަތްތަކެވެ.
ޖުމްލަ 18.98 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ ދަށުން، 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީގެ އިތުރުން 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢު ނިމުމުން، މާލޭގެ އުތުރު ފަރާތު ބަނދަރު ބޭނުންކުރާ އާންމު ރައްޔިތުންނަށާއި ދަތުރުވެރިންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. ޚާއްސަކޮށް، ބަނދަރު މަތީގެ ތޮއްޖެހުން ކުޑަވެ، ބޭރުގައި އޮންނަ ލޯންޗުފަހަރަށް އެރުމަށްޓަކައި އެއް ލޯންޗުން އަނެއް ލޯންޗަށް ހުރަސްކޮށް އަރަންޖެހޭ ތަކުލީފާއި ނުރައްކާތެރި ހާލަތްތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
މިއީ ކުޑަކުދިންނާއި، ދޮށީ އުމުރުގެ މީހުންނާއި އަދި މުދަލާއި ފޮށިތަންމަތި ހިފައިގެން ދަތުރުކުރާ މީހުންނަށް ފަސޭހަކަމާއެކު އުޅަނދުފަހަރަށް އަރައިފޭބުމަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މީގެއިތުރުން، މި ފިންގާ ޖެޓީތަކުގެ ސަބަބުން ބަނދަރުގައި ޖާގަ އިތުރުވެ، އެއްފަހަރާ ގިނަ އަދަދެއްގެ އުޅަނދުފަހަރަށް ފަސޭހަކަމާއެކު ބަނދަރާ ކައިރިކުރެވި، ދަތުރުތައް އަވަސްވެގެންދާނެއެވެ. އަދި ދަތުރުވެރިންގެ ފުރާނައާއި މުދަލުގެ ރައްކާތެރިކަންވެސް އިތުރަށް ކަށަވަރުވެގެންދާނެއެވެ.
