މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ސެގްމަންޓް 3 ގެ މަސައްކަތްތައް ނިންމައި، މި ހަފުތާ ނިމުމުގެ ކުރިން އެ ސަރަހައްދު އާންމުންނަށް ހުޅުވާލުމަށް ތައްޔާރީތައް ވާންފަށައިފިއެވެ.
މި މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، އަމީނީ މަގު ސެގްމަންޓް 3 ގައި ކުރިއަށްދިޔަ މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތާއި، ޖަންކްޝަންތަކުގެ ކޮންކްރީޓް މަސައްކަތްތައް މިހާރު އެއްކޮށް ފުރިހަމަކޮށް ނިމިފައިވާ ކަމަށެވެ. އަދި މި ހަފުތާ ނިމުމުގެ ކުރިން މި ސެގްމަންޓް އާންމުންނަށް ހުޅުވާލުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.
މި މަޝްރޫއުގެ ދަށުން އަމީނީ މަގުގެ ސެގްމަންޓް 1 އަދި 2 ގެ މަސައްކަތްތައް މީގެކުރިން ވަނީ ކާމިޔާބުކަމާއެކު ނިންމައި އާންމުންނަށް ހުޅުވާލާފައެވެ. އެގޮތުން، ސެގްމަންޓް 1 ގެ ދަށުން ކުރިން އަޅާފައިވާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އަދި ތާރު ނެގުމަށްފަހު، 2،794.062 އަކަމީޓަރުގެ ސަރަހައްދެއްގައި ސަބްގްރޭޑް، ސަބްބޭސް، އޭބީސީ އަދި އަލުން ތާރު އެޅުމާއި ނިޝާންތައް ކުރެހުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. މީގެ އިތުރުން ސެގްމަންޓް 2 ގެ ދަށުން 133.64 އަކަމީޓަރުގެ ސަރަހައްދެއްގެ ކުރީގެ ތާރު ނަގައި، އޭބީސީ އަދި އަލުން ތާރު އެޅުމުގެ މަސައްކަތް ވެސް ވަނީ ފުރިހަމަކޮށްފައެވެ.
މިހާރު ނިމިފައިވާ އިއްޒުއްދީން ހިނގުމުން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް ހިމެނޭ ސެގްމަންޓް 3 ގައި، 1،924.77 އަކަމީޓަރުގެ ސަރަހައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު ވަނީ އަލުން އޭބީސީ އާއި ތާރު އަޅައި، މަގުމަތީގެ ނިޝާންތައް ކުރަހައި، ޖަންކްޝަންތައް ކޮންކްރީޓްކޮށްފައެވެ.
މި ސެގްމަންޓް ހުޅުވުމަށް ތައްޔާރުވަމުންދާއިރު، ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ ސެގްމަންޓް 4 ގެ މަސައްކަތެވެ. އެއީ ކޯރުކެނޑި ހިނގުމުން ފެށިގެން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް ހިމެނޭ 1،148.91 އަކަމީޓަރުގެ ސަރަހައްދެވެ. އެ ސަރަހައްދުގައި ވެސް ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު، އަލުން އޭބީސީއާއި ތާރު އެޅުމާއި، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ.
އެމްޓީސީސީގެ އަމާޒަކީ މި މަޝްރޫއު ވީހާވެސް އަވަހަކަށް ނިންމައި، މާލޭގެ ރައްޔިތުންނަށް މަގުތައް ބޭނުންކުރުމުގައި ލުއިފަސޭހަ އަދި ޒަމާނީ ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމެވެ.
