ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިމެނޭ 11 ރަށެއްގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު، ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓާ އިސްމާއީލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުހައްމަދު ޖަމްޝީދެވެ.

މި 11 ރަށުގައި މަގުހެދުމުގެ މަޝްރޫއުގެ ޖުމުލަ އަގަކީ 912.15 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫއުގެ ދަށުން ބައެއް ރަށްރަށުގައި ތާރު އެޅުމަށް ހަމަޖެހިފައިވާއިރު، އަނެއްބައި ރަށްރަށުގައި މަގުތައް ހެދުމަށް ހަމަޖެހިފައިވަނީ ސިމެންތި ޓްރީޓެޑް ބޭސް (ސީޓީބީ) ލޭޔަރެއް އެޅުމަށްފަހު ވެލި އަޅައިގެންނެވެ.

މަޝްރޫއުގެ ދަށުން މަސައްކަތް ކުރިއަށްދާނެ ގޮތުގެ ތަފްސީލު:

  1. ރ. އިންނަމާދޫ: 2.60 ކިލޯމީޓަރުގެ 7 މަގެއްގައި ތާރު އެޅުން
  2. އއ. ފެރިދޫ: 2.11 ކިލޯމީޓަރުގެ 3 މަގެއްގައި ތާރު އެޅުން
  3. ށ. ބިލެތްފަހި: 2.46 ކިލޯމީޓަރުގެ 4 މަގެއްގައި ތާރު އެޅުން
  4. ރ. ރަސްގެތީމް: 2.12 ކިލޯމީޓަރުގެ 6 މަގެއްގައި ތާރު އެޅުން
  5. ބ. ދަރަވަންދޫ: 2.55 ކިލޯމީޓަރުގެ 4 މަގެއްގައި ތާރު އެޅުން
  6. ނ. މަގޫދޫ: 2.11 ކިލޯމީޓަރުގެ 4 މަގެއްގައި ތާރު އެޅުން
  7. ފ. ފީއަލި: 2.46 ކިލޯމީޓަރުގެ 10 މަގެއްގައި ތާރު އެޅުން
  8. ށ. މާއުނގޫދޫ: 3.25 ކިލޯމީޓަރުގެ 7 މަގެއްގައި ތާރު އެޅުން
  9. ބ. ކެންދޫ: 2.23 ކިލޯމީޓަރުގެ 6 މަގެއްގައި ސީޓީބީ އާއެކު ވެލި އެޅުން
  10. އއ. މަތިވެރި: 2.35 ކިލޯމީޓަރުގެ 10 މަގެއްގައި ސީޓީބީ އާއެކު ވެލި އެޅުން
  11. ކ. ދިއްފުށި: 2.36 ކިލޯމީޓަރުގެ 5 މަގެއްގައި ސީޓީބީ އާއެކު ވެލި އެޅުން

އެމްޓީސީސީން ހާމަކުރި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ނިމުމުން، ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިވާ ރަނގަޅު ފެންވަރުގެ މަގުތަކެއް އެ ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ. އަދި ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވެ ޗަކަވުމުގެ ސަބަބުން، ދަތުރުފަތުރުކުރާ ފަރާތްތަކަށާއި ހިނގާބިނގާވެއުޅޭ އާންމު ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މީގެއިތުރުން، މިއީ އެ ރަށްރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ އަދި މިހާރުވެސް އެ ދައުރު ކާމިޔާބުކަމާއެކު އަދާކުރަމުން އަންނަ ކުންފުންޏެވެ.