ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިވެރިންގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިޕޯޓިން ރިކުއަމަންޓް ފޯމް ހުށަހަޅައި ރަޖިސްޓްރީން ވުމަށް އަންގައިފިއެވެ.
ފޮރިން އެކްސްޗޭންޖް ރޭޓްގެ ނިޒާމު ތަންފީޒު ކުރުމަށް ބޭރު ފައިސާ އިން ކުރާ މުއާމަލާތްތައް ކަނޑައެޅުމާއި ފޮރިން އެކްސްޗޭންޖް ރޭޓާބެހޭ އެހެނިހެން ސިޔާސަތުތައް ކަނޑައެޅުމެގެ ގަވާއިދު ނަންބަރު 91-R/2024 "ބޭރު ފައިސާއާ ބެހޭ ގަވާއިދު" އަށް އަމަލު ކުރަން ފަށާފައި ވަނީ އިއްޔެއެވެ. އެ ގަވާއިދު އެކުލަވާލާފައި ވަނީ ގާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ 24 އަދި 38 ވަނަ މައްދާގެ ދަށުންނެވެ.
އެމްއެމްއޭ އިން ބުނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކުން އެމްއެމްއޭގައި ރަޖިސްޓްރީން ވާން ޖެހޭ ކަމަށެވެ. އެގޮތުން މި ފަރާތްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭއިން ރިޕޯޓިން ރިކުއަމަންޓެއްގެ ގޮތުގައި އެކުލަވާލާފައިވާ "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެފްއެކްސް ޕޯޓަލް ރެޖިސްޓްރޭޝަން ފޯމް" މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް އެމްއެމްއޭ އިން ބުނެއެވެ.
އިއްޔެ އާންމުކުރި ގަވާއިދަށް އަމަލު ފެށުމުން މީރާގައި ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކުން، މީރާގައި ރަޖިސްޓްރީ ކުރާތާ 30 ދުވަހުގެ ތެރޭގައި "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެފްއެކްސް ޕޯޓަލް ރެޖިސްޓްރޭޝަން ފޯމް" މެދުވެރިކޮށް މި އެމްއެމްއޭގައި ރަޖިސްޓްރީ ކުރަން ވާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.
މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގެ ފޮރިން އެކްސްޗޭންޖް މާކެޓް އިތުރަށް ފުޅާ ކުރުމަށާއި ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް މުހިންމު ކަމެއް ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް މިކަމަށް އެއްބާރުލުން ދިނުމަށް އެމްއެމްއޭ އިން ވަނީ އެދިފައެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ނަމަ 3012121 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުމަށާއި އެ އޮތޯރިޓީގެ އީމެއިލްއަށް މެއިލް ކުރުމަށް އެމްއެމްއޭ އިން ބުނެއެވެ.