ބޭރު ފައިސާއާބެހޭ ގަނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން އެކުލަވައިލި މުހިންމު ދެ ގަވާއިދެއް އިސްލާހުކުރުމަށްފަހު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، އަމަލުކުރަން ފަށައިފިއެވެ.
މިއަދުން ފެށިގެން ތަންފީޒުކުރަން ފެށި މި ދެ ގަވާއިދަކީ "ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމުގެ ގަވާއިދު" އަދި "ބޭރު ފައިސާއާބެހޭ އާންމު ގަވާއިދު" އެވެ.
ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި، މީލާދީ އަހަރެއްގެ ތެރޭގައި މުދާ ވިއްކައިގެން ނުވަތަ ހިދުމަތް ދީގެން 25 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭ ކޮންމެ ވިޔަފާރިއަކުން ވެސް އެމްއެމްއޭގައި ރަޖިސްޓަރީވާން ލާޒިމުވާނެއެވެ.
މީގެ އިތުރުން، ބޭރު ފައިސާއާބެހޭ އާންމު ގަވާއިދުގައި ވަނީ ބޭރު ފައިސާއިން މުއާމަލާތްކުރެވޭނެ ހާއްސަ ހާލަތްތަކާއި، އެފަދަ ހުއްދަތައް ހޯދުމުގައި އަމަލުކުރަންޖެހޭ މައިގަނޑު އުސޫލުތައް ސާފުކޮށްދީފައެވެ. އެގޮތުން، ކޮންމެ އަހަރެއް ފެށުމުގެ 30 ދުވަސް ކުރިން، އެ އަހަރެއްގައި ބޭރު ފައިސާއިން ހަމަޖައްސަން ކަނޑައަޅާފައިވާ ބަޖެޓުގެ ތަފުސީލު އެމްއެމްއޭއަށް ހުށަހަޅަންޖެހޭނެއެވެ.
ހަމައެއާއެކު، ބޭންކުތަކަށް މާރުކުރަންޖެހޭ އަދަދުތައް މުރާޖައާކުރުމާއި، ފައިސާ ޖަމާކުރުމާއި މާރުކުރުމާ ގުޅޭ ޒިންމާތަކަށް ލުއި ހޯދުމަށް އެދި ހުށަހަޅާނެ އިޖުރާއާތުތައް ވެސް މި ގަވާއިދުގައި ވަނީ ތަފުސީލުކޮށްދީފައެވެ.
މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، މި ދެ ގަވާއިދަށް ވެސް ރަސްމީކޮށް އަމަލުކުރަން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ.
