ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކުމާއި، ގާނޫނާ ހިލާފަށް ބޭންކިން ހިދުމަތް ދެމުންދާ މައްސަލައަކާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ބުނީ، މި އޮޕަރޭޝަނަކީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޓާސްކް ފޯސްއިން ބައިވެރިވެގެން ކުރިއަށްގެންދާ ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަނުގެ ތެރެއިން އަންގާރަ ދުވަހު 4 ބިދޭސީއަކާ، ދިވެއްސަކު ވަނީ ބަލައިފާސްކޮށްފައެވެ. އަދި ފިހާރައަކާއި ބިދޭސީއަކު ދިރިއުޅޭ ތަނެއް ވަނީ ފާސްކޮށްފައެވެ. މި މައްސަލަ ދިވެހި ފުލުހުންގެ އިތުރަށް ތަހުގީގު ކުރަމުން އަންނައިރު އިތުރު މައުލޫމާތެއް ހިއްސާކޮށްފައި ނުވެއެވެ.

މިދިޔަ މަހުގެ 1 ވަނަ ދުވަހުވެސް ރާއްޖޭގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތައް ހިންގަމުން ދިޔަ ހަ ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި މި މީހުންގެ ބޭންކު އެކައުންޓްތައް މެދުވެރިކޮށް ޖުމްލަ 54،429،550.00 ދިވެހި ރުފިޔާ އަދި 1،627،810 (އެއްމިލިއަން ހަސަތޭކަ ހަތާވީސްހާސް އަށްސަތޭކަ ދިހަ) ޔޫއެސް ޑޮލަރު މި މީހުންގެ އެކައުންޓުތަކުގައި ދައުރުކޮށްފައިވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މަނީ އެކްސްޗޭންޖް ލައިސަންސް ނެތި ގާނޫނާ ހިލާފަށް ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި، ފުލުހުންގެ ތެރޭގައި ހާއްސަ ޓާސްކްފޯސްއެއް އެކުލަވާލައި މައުލޫމާތު ހިއްސާކުރެވޭނެ ނިޒާމެއް ވަނީ ގާއިމުކޮށްފައެވެ. ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކުމާއި، އެފަދައިން އިޝްތިހާރު ކުރުމަކީ ކުށެކެވެ. އަދި ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭނީ އެމްއެމްއޭގެ ސައްހަ ލައިސަންސް އޮންނަ ފަރާތްތަކަށް އެކަންޏެވެ.