ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ބޭރު ފައިސާ މާރުކުރުމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަދަލުތަކެއް ގެނެސްފިއެވެ.
މަރުކަޒީ ބޭންކުން ވަނީ މި ގެނެވުނު ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ ތާވަލަށް ވިޔަފާރިތަކުންނާއި ކަމާބެހޭ ފަރާތްތަކުން އަހުލުވެރިވެ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބޭރު ފައިސާ މާރުކުރުމުގެ ކަންކަން ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.
ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން މީގެކުރިން ބޭރު ފައިސާ މާރުކުރުމުގެ ސުންގަޑިއަކީ މީލާދީ މަސް ނިމި، އެ މަހަށް ފަހު ހިނގާ ތިން ވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ. އެގޮތުން، މިސާލަކަށް ސެޕްޓެމްބަރު މަހު ލިބޭ އާމްދަނީ މާރުކުރަން ޖެހޭ އެންމެ ފަހު ތާރީހަކީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހެވެ.
ނަމަވެސް، މިހާރު ގެނައި ބަދަލާއެކު މީލާދީ މަހެއް ނިމި، އެ މަހަށް ފަހު ހިނގާ ފުރަތަމަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ފައިސާ މާރުކުރަން ޖެހޭނެއެވެ. މި އާ އުސޫލުގެ ދަށުން ސެޕްޓެމްބަރު މަހުގެ އާމްދަނީ މާރުކުރަންޖެހޭ ސުންގަޑިއަކަށް ވާނީ ޖެހިގެން އަންނަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހެވެ.
މީގެއިތުރުން، ބޭރުފައިސާގެ މުއާމަލާތް ކުރަންޖެހޭ މާލީ އިލްތިޒާމުތައް އެމްއެމްއޭއަށް އަންގަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ އާންމު ގަވާއިދަށް މަރުކަޒީ ބޭންކުން ވަނީ އިސްލާހު ގެނެސްފައެވެ. ގަވާއިދަށް ގެނެވުނު މި އިސްލާހުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގައި ގާއިމްކޮށްފައިވާ ބޭންކަކަށް މާރުކުރަން ލާޒިމުވެއެވެ.
އެހެންނަމަވެސް، މިގޮތަށް ފައިސާ މާރުކުރުމުގައި ބޭރުފައިސާގެ މާލީ އިލްތިޒާމުތައް ހަމަޖައްސަން ޖެހޭ ހާލަތްތަކުގައި އެކަމަށް ލުއިތަކެއް ދިނުމުގެ އިހްތިޔާރު މަރުކަޒީ ބޭންކަށް ވަނީ ދީފައެވެ. އަދި މި ގަވާއިދުގެ ދަށުން ލުއި ދެވޭނެ ހާލަތްތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އެމްއެމްއޭއިން ކަނޑައަޅާ އިތުރު އިލްތިޒާމުތައް ވެސް މިހާރު ވަނީ ގަވާއިދުގައި ހިމަނާފައެވެ.
