އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައި
ޓެޑްއާ ޓޮޓެންހަމް ބައްދަލުކުރި މެޗު 3-0 އިން ޓޮޓެންހަމް ކާމިޔާބުކޮށްފިއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗުގެ 3 ވަނަ މިނެޓްގައި ޓޮޓެންހަމް އިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑަކީ ޑިފެންޑަރު މިކީ ވެންޑާ ވާ ޑެ ވެންގެ މޮޅު ކުޅުމަކުން އެޓީމުން ޖެހި ލަނޑެކެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ބެރެންޑަން ޖޮންސަންއެވެ.
މެޗުގެ ފުރަތަމަ ހާފްގައި ޔުނައިޓެޑަށް ލަނޑު ޖަހާނެ ފުރުސަތުތައް އުފެއްދުނު ނަމަވެސް މެޗުގެ 42 ވަނަ މިނެޓްގައި އެޓީމުގެ ކެޕްޓަން ބްރޫނޯ ފަނާންޑޭޒް އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން މާ ގިނަ އިރެއް ނުވެ ޓޮޓެންހަމްއިން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޑެޔާން ކުލުސެވްކީއެވެ.
ޓޮޓެންހަމްގެ ދެވަނަ ލަނޑަށް ފަހު ޔުނައިޓެޑުން ކުޅުން ރަނގަޅު ކުރި، ލަނޑު ޖަހާނެ ނުރައްކާތެރި ފުރުސަތުތަކެއް ވެސް އެޓީމަށް ލިބުނެވެ. އެހެން ނަމަވެސް ދެން ވެސް މެޗުގައި ލަނޑު ޖެހީ ޓޮޓެންހަމްއިންނެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޑޮމިނިކް ސޮލާންކީއެވެ. މި މެޗުން މޮޅުވެ ޓޮޓެންހަމް މިވަނީ ތާވަލުގެ 8 ވަނައަށް އަރާފައެވެ. އަދި ޔުނައިޓެޑް އޮތީ ތާވަލުގެ 12 ވަނައިގައެވެ.
މިރޭ ކުޅުނު ފުރަތަމަ މެޗުގައި އެސްޓަން ވިލާ ވަނީ ތާވަލުގެ ދެވަނައަށް އެރުމުގެ ފުރުސަތު ނަގާލާފައެވެ. މި ފުރުސަތު އެޓީމަށް ގެއްލުނީ އަލަށް ޕްރޮމޯޓްވި އިޕްސުވިޗްއާ ކުޅެ 2-2 އިން އެއްވަރުވުމުންނެވެ.