ބޭންކު ޓްރާންސްފާ ސައްހަނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުން ދާކަމަަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ފުލުހުންގެ ތަހުގީގުތަކަށް ފާހަގަ ކުރެވިފައިވާ ގޮތުގައި، މިގޮތަށް އޮޅުވާލައިގެން ބޭންކު ޓްރާންސްފާ ސްލިޕްތައް ފޮނުވާ ފަރާތްތަކުން ވަކި ހާއްސަ އެޕްލިކޭޝަނެއް ބޭނުން ކޮށްގެން ސައްހަނޫން ޓްރާންސްފާ ސްލިޕް އުފައްދަމުންދާ ކަމަށެވެ.
ހާއްސަކޮށް ރެސްޓޯރަންޓުތަކާއި ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު އަގު ދެއްކުމުގެ ގޮތުން މިފަދަ ސްލިޕްތައް ފޮނުވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން މިފަދަ މައްސަލަތަކުން ރައްކާތެރި ވުމަށްޓަކައި، އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީން ކުރުމަށް ފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށް ފުލުހުން ވަނީ ނަސޭހަތްތެރި ވެފައެވެ.
އަދި މިފަދަ ކަމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށާއި އޮންލައިންކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި ވެސް އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.
ސްކޭމްގެ އެކިއެކި މައްސަލަަތައް އިތުރުވަމުންދާއިރު ފާއިތުވި 8 މަސް ދުވަހު ވެސް އެފަދަ މައްސަލަތަކުން ގެއްލިފައިވާ 13 މިލިއަންގެ ތެރެއިން 2.2 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ދާދިި ފަހުން މައުލޫމާތު ދީފައެވެ.
އެގޮތުން މީސް މީޑިއާ ހެކްކޮށްގެން ފައިސާ ހޯދާފައިވާ ސްކޭމްތަކާއި، ފައިސާ މާރުކުރާ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ސްކޭމްތަކާއި، ރައްޓެއްސެއް ނުވަތަ ރަހްމަތްތެރި އަކަށް ވެގެން ފޯންކޯލް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދާ ސްކޭމްތަކާއި، ސައްހަ ނޫން ސްލިޕް ހަދައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ ސްކޭމްތައް ހިމެނެއެވެ.
ފުލުހުން ވަނީ ސްކޭމްގެ ޝިކާރައަކަށް ވަމުންދާ އާންމުން މަދުކުރުމަށް 'ސްކޭމް ސެންޓާ' އެއްވެސް ގާއިމް ކޮށްފައެވެ. އެ ސެންޓަރު ގާއިމް ކޮށްފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތް ބަލައިގެން ކަމަށާއި ރާއްޖެއަށް މިހާރު އެޑަޕްޓުކުރަމުން އަންނަނީ ސިންގަޕޫރުގައި ގެންގުޅޭ ސިސްޓަމަށް ކަމަށްވާއިރު ފުލުހުން ވެސް ވަނީ މިފަދަ ކަންކަމަށް އާންމުން ހޭލުންތެރި ކުރުމަށް އެކިއެކި މަސައްކަތް ކުރަމުންނެވެ.