އދ. ގައި ރާއްޖޭގެ އަޑު އިއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ބުރަ މަސައްކަތްޕުޅަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތައުރީފް ކުރައްވައިފިއެވެ.

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފައިވަނީ މިއަދު ހެނދުނުއެވެ.

އެއާއެކު މަރުހަބާ ދަންނަވަމުން އދ. މާމިނގިލީ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުންދާ ގާސިމް އެކްސްގައި ހިއްސާ ކުރެއްވި ދިގު ޕޯސްޓުގައި ވިދާޅުވީ ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް މިގެ ކުރިންވެސް އދ. އާންމު މަޖިލީހުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލުކުރައްވާ ދިމާވެފައިވާ އެކި އެކި ގޮންޖެހުންތަކާއި، އަދި މުޅިދުނިޔެއަށް ދިމާވެފައިވާ އެކި އެކި ކަންތައްތަކާއި ގުޅޭ ގޮތުން މުނާސަބުގޮތެއްގައި އަޑުއުފުއްލަވާ ކަމަށެވެ.

ނަމަވެސް މި އަހަރުގެ ތަގްރީރުތައް އާދަޔާ ހިލާފުކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ "މީގެ 59 އަހަރު ކުރީން ދިވެހީންގެ ފަހުރުވެރި މިނިވަން ދިދަ އދ. ގެ އިދާރާގައި ވިހުރެން ފެށި ފަހުން، މި ގައުމުގެ ވެރިޔަކު އދ. ގައި ދިވެހި ގައުމު ތަމްސީލްކުރުމުގައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ގައުމު ތަމްސީލު ކޮށްދެއްވީ، ނުހަނު ވިސްނުންތެރިކަމާއި އެކު ވަރަށް ފުރިހަމަ އަދި އެހާމެ މުނާސަބުކޮށް ކަމަށް ދެކެމެވެ"

އދ. ގެ އާންމު މަޖިލީހުގައި ރައީސް ދެއްވި ތަގުރީރަށް ދުނިޔޭގެ ސަމާލުކަން ލިބިގެންދިޔަކަން ފާހަގަ ކުރައްވާ ގާސިމް އިތުރަށް ވިދާޅުވީ މި ގައުމަކީ ފަހުރުވެރި، ކެރޭ، ހަރުދަނާ، ދުރުވިސްނޭ، އިލްމާއި ހުނަރު ލިބިފައިވާ، ތަރައްގީއަށް އުންމީދު ކުރާ ތަސައްވަރެއް އޮތް، އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ގައުމެއްކަން، ރައީސް ޑރ. މުއިއްޒު އެ ވަނީ ވަރަށް ސާބިތުކަމާ އެކު ދައްކުވާދީފައިވާ ކަމަށެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ނުސީދާކޮށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ، ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ލިބިވަޑައިގަތް ނަމަވެސް، އދ. ގައި ރާއްޖެ ތަމްސީލްކުރައްވަން ކެރިވަޑައިނުގެންނެވި ބޭފުޅަކަށް ރައީސް މުއިއްޒުގެ ތަގުރީރު އޮޅުންފިލާވަޑައިނުގަތަސް، ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯއްދެވި ކަމަށެވެ.

ރާއްޖޭގެ ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކަށް، ޚާއްސަ ކޮށް ވެރިކަމުގެ 5 އަހަރުގެ ދައުރެއް ލިބިވަޑައިގެންނަމަވެސް އދ ގައި ރާއްޖެ ތަމްސީލް ކޮށްލަން ކެރިވަޑައިނުގަތް ބޭފުޅަކަށް، ރައީސް މުޢިއްޒުގެ ތަޤްރީރު އޮޅުން ފިލާވަޑައި ނުގަތްނަމަވެސް، ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުޙީގައި އެމަނިކުފާނުގެ ތަޤްރީރް އެވަނީ ހިމެނިފަ
ގާސިމް އިބްރާހިމް

ގާސިމް މިފަަދައިން ވިދާޅުވިއިރު ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި އެ މަނިކުފާނު އދ. އަށް އެންމެ ފަހަރަކު ވެސް ވަޑައިގެނެފައި ނުވެއެވެ. އެކަމާ ގުޅިގެން މި ސަރުކާރުގެ ބައެއް ފަރާތްތަކުންވެސް ވަނީ ޔާމީނަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް، އދ. ގެ އާންމު މަޖިލީހަށް ވަޑައިގެން ތަގުރީރު ނުދެއްވުނީ އެމަނިކުފާނުގެ "ކަންނެތް" ކަމުން ކަމަށެވެ.

ނަމަވެސް ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަގަހަ ޖަލްސާތަކުގައި ވާހަކަ ދައްކަވަމުން އެކަމަށް ރައްދު ދެއްވާ ޔާމީން ވިދާޅުވީ އ.ދ ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަން ވަޑައިގެންނެވުމަށް ވުރެ އިސްކުރެއްވީ ހައްޖުގެ އަޅުކަން ކަމަށް ވިދާޅުވެފައެވެ.

ޔާމީން ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދައުރު އ.ދ ގެ އާންމު ޖަލްސާ ބޭއްވީ ހައްޖު ދުވަސްވަރު ކަމަށާއި އެ ދެ ކަންތަކުން އެމަނިކުފާނު އިސްކުރެއްވީ ހައްޖުގެ އަޅުކަން ކަމަށެވެ. އަދި ދެވަނަ އަހަރު އ.ދ އަށް ވަޑައިގެންނެވުމުގެ ކުރިން ހައްޖަށް ވަޑައިގެންނެވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވި ތަނުން ބޮމުގެ ހާދިސާ ހިނގީ ކަމަށާއި އެއާއެކު އ.ދ އަށް ދިޔުމަށް ވުރެ މުހިއްމުވީ ރާއްޖެ ހަމަޔަކަށް އެޅުވުން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

އޭގެފަހުން އެމަނިކުފާނަށް އެކި ގޮތްގޮތުން ދަތިތައް އެޅުވުމުގެ މަސައްކަތްތައް ވެސް ހިނގި ކަމަށާއި އެފަދަ އެއްވެސް ކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިހާތަނަށް ކުރިމަތިވެފައި ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އ.ދ އަށް ކުރާ ދަތުރަކީ ހަރަދު ބޮޑު ދަތުރެއް ކަމަށާއި އެތަނުގައި ވާހަކައެއް ދެއްކިޔަސް އެ އަޑުއަހައިގެން ގައުމެއްގެ ރައީސަކު ކަމެއްވެސް ކޮށްނުދޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ގާސިމް ވަނި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން ފަލަސްތީނުގެ ހައްގުގައި ދެއްކެވި ވާހަކަފުޅަށް އިސްލާމީ ދުނިޔެ އާއި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ތައުރީފާއި ތަރުހީބު ލިބުނު ކަމަށާއި އެ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށް ގެންދިޔަ މުހިންމު ބައްދަލުވުންތަކުގައި ވެސް ރާއްޖޭގެ ކުރިމަގަށްޓަކައި ރައީސް ވަރަށް މުހިންމު ވާހަކަތައް ދެއްކެވި ކަމަށް ގާސިމް ވިދާޅުވި އެވެ.

2040 ގައި ދިވެހިރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭއިރު، އެ ދުވަސް އަންނަންވާއިރު ދިވެހިރާއްޖެއަކީ، ފުރިހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި އޮތުމަށް މާދަމާއަށް ޓަކައި އެމަނިކުފާނު ކުރައްވާ ތަސައްވަރުތައް މުޅި ދުނިޔޭގެ ކުރިމަތީގައި ހާމަކޮށްދެއްވާ، މި ދިވެހިފަސްގަނޑާއި، ރައްޔިތުންނާއި މެދު ތިޔަ ދައްކުވައިދިން ފަހުރުވެރި ނަމޫނާއަށް ޓަކައި، މަނިކުފާނަށް އަދިވެސް އެއްފަހަރު ހިތުގެ އިހްލާސްތެރި ތަހްނިޔާއާއި ޝުކުރު އަދާކުރަން
ގާސިމް އިބްރާހިމް

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެނެންނެވީ މި ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގައިވެސް ތަގުރީރު ކުރައްވާފައެވެ. މިއީ މީގެ 59 އަހަރު ކުރިން، އދ.ގެ މެންބަރަކަށް ދިވެހިރާއްޖެ ވީ ފަހުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު، އދ.ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.