އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން މި ސީޒަންގައި އަލަށް ޖެހިޖެހިގެން ދެ މެޗުން އެއްވަރުވެއްޖެއެވެ. މިދިޔަ ހަފްތާގައި އާސަނަލްއާ ކުޅެ 2-2 އިން އެއްވަރުވި ސިޓީ މިރޭ ނިއުކާސަލްއާ ކުޅެ އެއްވަރުވީ 1-1 އިންނެވެ.

މިމެޗުގައި ފުރަތަމަ ލަނޑު ޖެހީ ސިޓީންނެވެ. މިގޮތުން މެޗުގެ 35 ވަނަ މިނެޓްގައި މިލަނޑު ސިޓީއަށް ޖަހާ ދިނީ ޑިފެންޑަރު ވާޑިއޯލްއެވެ. ލީޑު ފުޅާ ކުރާ އިތުރު ފުރުސަތުތައް ސިޓީއަށް ލިބުނު އިރު ފުރަތަމަ ހާފް ނިމުނީ ސިޓީ ކުރީގައި އޮވެގެންނެވެ.

ސިޓީގެ ލަނޑު ޖެހުމަށް ފަހު ކުޅުންތެރިން އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

އެހެން ނަމަވެސް މެޗުގެ ދެވަނަ ހާފް ފަށައިގެން މާ ގިނަ އިރު ތަކެއް ނުވެ ނިއުކާސަލްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިގޮތުން، ނިއުކާސަލް މެޗުގެ ނަތީޖާ ހަމަހަމަކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.

މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށް ދިނީ އިންގްލެންޑްގެ ފޯވަޑް އެންތަނީ ގޯޑަންއެވެ.

ނިއުކާސަލްގެ ލަނޑު ޖަހާ ދިން އެންތަނީ ގޯޑަން/ފޮޓޯ: އެކްސް

މި ލަނޑަށް ފަހު ސިޓީން ވަނީ ކުޅުން ވަރުގަދަ ނިއުކާސަލްގެ ގޯލަށް އިތުރު ހަމަލާތައް އަމާޒުކޮށްފައެވެ. މިގޮތުން، ފޯވަޑް ބަނާޑޯ ސިލްވާ އަދި ފިލް ފޯޑަންގެ އިތުރުން ހާލަންޑަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނެވެ.

އެހެން ނަމަވެސް ނިއުކާސަލްގެ ޑިފެންޑަރުން މޮޅު ކުޅުމެއް ދެއްކި އިރު ކީޕަރު ނިކް ޕޯޕް ވަނީ ހުޝިޔާރު ސޭވްތަކެއް ކޮށްފައެވެ.

މިމެޗުން އެއްވަރުވެ ސިޓީއަށް ލިބުނު ޕޮއިންޓާއެކު އެޓީމަށް މިސީޒަންގައި ޖުމްލަ ލިބިފައިވަނީ 14 ޕޮއިންޓެވެ. އެހެން ނަމަވެސް ތާވަލުގެ ދެވަނައިގައި އޮތް ލިވަޕޫލް 12 ޕޮއިންޓްގައި އޮތް އިރު މިރޭ ވުލްވްޒްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ލިވަޕޫލަށް ލިބޭނެއެވެ.