ފަލަސްތީނުގެ ރައީސް ޑރ. މަހްމޫދު އައްބާސް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައިފިއެވެ.
ފަލަސްތީނުގެ ރައީސް އަދި ރައީސް މުއިއްޒު ބައްދަލު ކުރައްވާފައި ވަނީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގެ ތެރެއިން ނަގާފައިވާ ފޮޓޮޔަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވާއިރު މި ފޮޓޯއިން އެތައް ވާހަކައެއް ބުނެދެއެވެ. މި ފޮޓޯގައި ފަލަސްތީނުގެ ރައީސް، ރައީސް މުއިއްޒުގެ އަތްޕުޅުގައި ހިއްޕަވައިގެން ހުންނަ މަންޒަރު ފެނިގެން ދާއިރު، މިއިން ރަމްޒުކޮށްދެނީ ފަލަސްތީނާއި ދިވެހިރާއްޖެއާ އޮތް ގާތް ގުޅުމެވެ.
ރައީސް މުއިއްޒު އަދި ފަލަސްތީނުގެ ރައީސްގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލަނީ އަޅުގަނޑުމެންނަކީ ވެސް އިންސާނުންނަށް ވީތީކަމަށް ވިދާޅުވެ ބައިނަލްއަގްވާމީ މުޖުތަމައަށް ވަރުގަދަ މެސެޖެއް ދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ހާލަތު ބަދަލުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ގުޅިގެން މަސައްކަތްކުރުމަށާއި އެފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ވެސް ގޮވާލައްވާފައެވެ.
މި ބައްދަލުކުރެއްވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވަނީ ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ވިދާޅުވެފައެވެ. އަދި އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވެވެން އޮތް ގޮތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއިން އަންނަނީ ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލަމުންނެނެވެ. އެގޮތުން މިއަހަރު ކުރީކޮޅު ދިވެހިރާއްޖެއިން ކޯ-ސްޕޮންސާ ކުރި ގަރާރަކުން، ފަލަސްތީނު ދައުލަތަކީ އދ.ގެ ފުރިހަމަ މެމްބަރު ގައުމެއްގެ ގޮތުގައި ބަލައިގަތުމަށް ތާއީދުކުރުމަށް ވަނީ ހުށައަޅާފައެވެ. އދ.ގެ އާންމު މަޖިލީހުން ވަނީ މި ގަރާރު ބަލައިގަތުމަށް ނިންމާފައެވެ.
މީގެއިތުރުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އެޑްވައިޒަރީ އޮޕީނިއަނަށް އިޒްރޭލުގެ ސިޔާސަތުތަކުގެ ގާނޫނީ ނަތީޖާތަކާބެހޭ ގޮތުން ލިޔުމުން ބަޔާން ދީ، މި މައްސަލާގައި އަނގަބަހުން ހުށަހެޅި ކަންކަމަށް ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ތާއީދުކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގައި 12 ޖޫން 2024 ގައި ފަލަސްތީނަށް އެހީވުމަށް ބޭއްވި ޓެލެތޯނުން ހޯދި 1.2 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު މިހާރު ވަނީ ޔޫއެންއާރުޑަބްލިއުއޭއާ ހަވާލުކޮށްފައެވެ.