މާލޭގައި ހަދަމުންދާ އިމާރާތެއްގެ މަތިން 50 ކިލޯގެ ހިލަ ބަސްތާއެއް މަގުމައްޗަށް ވެއްޓި، ދުއްވާފައި ދިޔަ ސައިކަލެއްގައި އިން މީހަކު ސިކުންތުކޮޅެއްގެ ތަފާތުން ފުރާނަ ސަލާމަތްވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ ޗާންދަނީ މަގާއި ދަނބުގޯޅި ގުޅޭ ކަންމަތީގައި، ކުރީގެ ހަބީބް ބޭންކް ހިންގި ބިމުގައި ފީޑޯ ކުންފުނިން އަޅަމުންދާ އިމާރާތުންނެވެ. މި ބަރު ހިލަ ބަސްތާ އިމާރާތުގެ މަތިން ވެއްޓި ބިމުގައި ޖެހުނީ އެ ވަގުތު އެ މަގުން ދުއްވާފައި ދިޔަ ސައިކަލެއްގެ ހަމަ ކުރިމައްޗަށެވެ. ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އެ ސައިކަލު ދުއްވަން އިން މީހާގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާއެވެ. އެއީ އެންމެ ސިކުންތެއްގެ ލަސްވުމަކުންނެވެ.

މި ނުރައްކާތެރި ހާދިސާއާ ގުޅިގެން އާންމުން ދަނީ ކަންބޮޑުވުން ފާޅުކޮށް، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ސައިޓުގެ މަސައްކަތް ވަގުތުން ބަންދުކުރުމަށް ގޮވާލަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މި އިމާރާތުން މިފަދަ އެއްޗެހި ވެއްޓުމުގެ ހާދިސާތައް މީގެ ކުރިންވެސް ވަނީ ހިނގާފައެވެ. އެގޮތުން ނިމިދިޔަ ހަފްތާގައިވެސް އެ އިމާރާތުގެ މަތިން ކުލަ ފާޓާތަކެއް މަގުމައްޗަށް ވެއްޓުނެވެ. އެ ފަހަރު އެ ތަކެތި ވެއްޓުނީ އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގެ މައްޗަށެވެ. އެ ހާދިސާ ހިނގި ދުވަހުވެސް ފީޑޯ ކުންފުނީގެ މުވައްޒަފުން އެކަމުގެ ޒިންމާ ނެގުމުގެ ބަދަލުގައި ބުނެފައިވަނީ، އެއީ އެހެން އިމާރާތަކުން ވެއްޓުނު އެއްޗެއް ކަމަށެވެ.

ރޭ ހިނގި މި ހާދިސާއާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މިމައްސަލަ ރިޕޯޓުކޮށްފައިވާކަމަށާއި، މިކަމާ ގުޅިގެން ބަލަން ޖެހޭ ކަން ކަން މިހާރު ބަލަމުންދާކަމަށެވެ. އަދި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާގައި ސަލާމަތީ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ނޭޅުމުގެ ސަބަބުން މީގެ ކުރިންވެސް ހިތާމަވެރި ބޮޑެތި ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން، 2018 ވަނަ އަހަރު މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް، މަގުމަތިން ހިނގާފައި ދިޔަ ކުޑަ އަންހެން ކުއްޖެއްގެ ގައިމައްޗަށް ވެއްޓި އެ ކުއްޖާ ވަނީ ނިޔާވެފައެވެ. އަދި 2019 ވަނަ އަހަރު ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި މީހަކު މަރުވި ހިތާމަވެރި ހާދިސާއެއްވެސް ވަނީ ހިނގާފައެވެ.