މިއީ ސެޕްޓެންބަރު 30 ވަނަ ދުވަހު ދުބާއީއިން ފުރައިގެން އިޒްރޭލުގެ ޓެލް އަވީވްއަށް ދަތުރުކުރަމުންދިޔަ ފްލައިދުބާއީގެ ފްލައިޓް އެފްޒެޑް1073 ގެ ކޮކްޕިޓް ތެރޭގައި ހިނގައިދިޔައީ ބިރުވެރި ހާދިސާގެ ވާހަކައެވެ. މި ހާދިސާއަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާ އާ ވާހަކަދައްކަމުން، އިންޑިއާއަށް ނިސްބަތްވާ ކެޕްޓަން ސްމިތު ވަނީ އެ ދުވަހުގެ ތަޖުރިބާ ހިއްސާކޮށްފައެވެ.

ސްކައި ނިއުސް އަރަބިއާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، ހަމަލާގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތް ނުވާނެ ކަމަށް ހީކުރެވުނު ވަގުތެއް ދިޔަ ކަމަށެވެެ. ކެޕްޓަން ސްމިތުއަށް ހަމަލާދިނީ އޮމާންގެ ކޯ ޕައިލެޓް ހައްމާމް އަލް ހައްމާމީއެވެ. ކްރޭޝް ކޯރާޑިއަކުން ދިން މި ހަމަލާއަށް ފަހު ސްމިތު ކޮކްޕިޓްގެ ތަޅުންގަނޑުމައްޗަށް ވެއްޓުނެވެ. މި ހާދިސާ ހިނގީ އިޒްރޭލުގެ ވައިގެ ސަރަހައްދުގެ މަތިން ބޯޓު ވައްޓާލަން ކޯ ޕައިލެޓް މަސައްކަތްކުރުމުގެ ތެރޭގައެވެ. މި ކުއްލި ހަމަލާއާއި އެކު 30 ސިކުންތަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޯޓު ވަނީ 14،000 ފޫޓު ތިރިއަށް ވެއްޓިފައެވެ.

އެއާ އެކު ބޯޓުގެ ތެރޭގައި ބިރުވެރިކަން އުފެދި، ފަސިންޖަރުން ހަޅޭއްލަވަމުންދިޔަ އަޑު އިވުނު ކަމަށް ސްމިތު ބުންޏެވެ. “އަމިއްލަ ނަފްސަށް ބުނެވުނު ސްމިތުއޭ، ކޮންމެވެސް ކަމެއް ކުރާށޭ. މިހެން މަރުވެގެން ނުވާނެއޭ،” އިންޓަވިއުގައި އޭނާ ބުނެފައިވެއެވެ. އަދި އެ ވަގުތު ކޮންމެވެސް ކަމެއް ނުކޮށްފިނަމަ ދެން ވާނެ ގޮތަކާމެދު ވިސްނުނު ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ. އެހެންކަމުން އެ ވަގުތު އޭނާއަށް ފެނުނު އެންމެ ރަނގަޅު ގޮތައް އަމަލުކުރީ ވަރަށް ހިތްވަރާއެކު ކަމަށް ސްމިތު ވަނީ ބުނެފައެވެ. އޭނާ ކޮކްޕިޓްގެ ދޮރު ހުޅުވާލުމާއެކު، ބައެއް ފަސިންޖަރުން އެތެރެއަށް ވަދެ ހަމަލާދިން ކޯ ޕައިލެޓް ހިފެހެއްޓިއެވެ. އެ ވަގުތު ސްމިތު އޮތީ މޫނުވަތަށް ވެއްޓިފައެވެ.

މި ހާދިސާއިން ބޯޓާއި އޭގައި ތިބި މީހުން ސަލާމަތްވީ ކެޕްޓަން ސްމިތު އާއި އެހެން ކޯ ޕައިލެޓެއްގެ ހިތްވަރުންނެވެ. ބޯޓުގެ ކޮންޓްރޯލް ނަގައި، އެންމެން ސަލާމަތްކުރި، ކޯ ޕައިލެޓުގެ ހިތްވަރަށް އޭނާ ވަނީ ތާރީފުކޮށްފައެވެ. “ބޯޓުގެ ކޮންޓްރޯލް ނަގައި، އެ ދުވަހު އެންމެން ސަލާމަތްކުރި އަހަރެންގެ އެކުވެރިޔާގެ މަސައްކަތަކީ ތާރީފު ހައްގު މަސައްކަތެއް. އެއީ އަހަރެން މަރުވަންދެން ވެސް ހަނދާނުގައި ބަހައްޓާނެ ކަމެއް،” ކެޕްޓަން ސްމިތު ބުންޏެވެ.

އަބޫދާބީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންދާ ސްމިތު ބުނި ގޮތުގައި، ކޮކްޕިޓް ތެރޭގައި ހޭދަވި އެ ބިރުވެރި ވަގުތުކޮޅުގެ މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 174 ފަސިންޖަރުންނާއެކު ދަތުރުކުރަމުން ދިޔަ މި ފްލައިޓް ސަލާމަތުން ޖެއްސީ ސައުދީ އަރަބިއްޔާގެ ތަބޫކްއަށެވެ. އެ ވަގުތު ބޯޓުގެ ކޮންޓްރޯލް ނެގީ ދެވަނަ ސެޓެއްގެ ޕައިލެޓުންނެވެ. އަދި ސްމިތުއަށް ފުރަތަމަ އެހީ ފޯރުކޮށްދިނީ ބޯޓުގައި އިން ދަތުގެ ޑޮކްޓަރަކާއި އެހެން ކޯ ޕައިލެޓެކެވެ. މި ހަމަލާގައި ސްމިތުއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އޭނާ މިހާރު ދަނީ އަބޫދާބީގައި ފަރުވާ ހޯދަމުންނެވެ. އަދި އޭނާގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.